އއ.ތޮއްޑޫގައި މިއަދު ހަވީރު އެމްއެންޑީއެފުން ފޯރިގަދަ ޕެރޭޑެއް ބާއްވައިފިއެވެ. މިއީ އެރަށު ސްކޫލަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި، އެމްއެންޑީއެފުން އެރަށުގައި ބޭއްވި ޚާއްސަ ޕެރޭޑެކެވެ.

އއ.ތޮއްޑޫގައި މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައިވެއެވެ. ޕެރޭޑު ބަލަން ނިކުން މީހުން ބުނެފައިވަނީ އެމްއެންޑީއެފުން އެރަށުގައި ޕެރޭޑެއް ބޭއްވުމަކީ ލިބުނު އުފަލެއް ކަމަށެވެ. ފޯރިގަދަ ޖޯޝުން ފުރިފައިވާ ޕެރޭޑެއް ބަލާލަން ލިބުމަކީ އުފަލެކެވެ.

އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައެވެ. ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުންފުޅު ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ޖަޒީރާވަންތަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މާދަމާ ހަވީރު އއ. އުކުޅަހުގައި ވެސް އެމްއެންޑީއެފުން ޕެރޭޑެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.