ކުޅުދުއްފުށީ ސިޓީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފެބުރުއަރީމަހު ފަށްޓަވާނޭ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކުޅުދުއްފުށީގައި ސަރުކާރުން ތަރައްޤީކުރި 165 ރޯހައުސް އެރަށު ކައުންސިލާ ރަސްމީކޮށް ހައްވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިއްޔެ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ދިމާވެފައިވާ އެންމެބޮޑު އެއް މަސައްލައަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށެވެ. ކުޅުދުއްފުށި ސިޓީގައި 165 ރޯހައުސް ނިންމައި ކައުންސިލާ ހަވާލުކުރިޔަސް މިހާރުވެސް އެސިޓީގައި ބޯހިޔާވަހިކަމަށް ބޭނުންވާ 1200 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެރަށުގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ ޑިޒައިން އެންޑް ބިލްޑްއުސޫލުން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އަލަށް އަޅާ 400 ހައުސިން ޔުނިޓުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ދޮންބޭޒް އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްތެރޭގައި ނިންމާ ގޮތަށެވެ. މިއީ ގާތްގަނޑަކަށް 443.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިއްޔެ ކުޅުދުއްފުށީ ކައުންސިލާ ހަވާލުކުރި 165 ރޯހައުސްއަކީ 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. މަސައްކަތް ހުއްޓިފައި ހުއްޓާ ސަރުކާރުން ވަނީ އެމަސައްކަތް ދޮންބޭޒްއާ ހަވާލުކޮށްގެން ނިންމައި އޭގެ ހައްގުވެރީންނާ ހަވާލުކޮށްފައެވެ.