އއ. އުކުޅަހުގައި އެމްއެންޑީއެފުން ޕެރޭޑު މިއަދު ހަވީރު ބާއްވައިފިއެެ. މިއީ އުކުޅަހުގެ ކައުންސިލުގެ އެދުމުގެ މަތީން އެރަށުގައި ބޭއްވި ޕޭރޭޑެކެވެ. އެމްއެންޑީއެފުން އިއްޔެވަނީ ތޮއްޑޫގައި ޕެރޭޑު ބާއްވައިފިއެވެ.

މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ.

މިއަދު ހަވީރު ބޭއްވި ޕެރޭޑުގެ ހަރަކާތް، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބައްލަވާލައްވާފައެވެ. މިނިސްޓަރގެ އަރިހުގައި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާސާއި، ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ އިތުރުން އއ.އުކުޅަހުގެ ކައުންސިލް މެންބަރުން ބައިވެރިވި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މީގެ އިތުރުން އއ.އުކުޅަހު ސްކޫލް ދަރިވަރުންނާއި، އުކުޅަހުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ޕެރޭޑު ބަލަން މަގުމައްޗަށް ނުކުމެފައިވެއެވެ.