ނުކުޅެދުންތެރިކަމެއް ހުރުމަކީ އެއްވެސް މީހެއްގެ ދިރިއުޅުމަށް އޮތް ހުރަހަކަށް ނުވާނޭކަން ސްޓެލްކޯގައި މަސައްކަތްކުރާ އެފަދަ މުވައްޒަފުން ގެންދަނީ ސާބިތު ކޮށްދެމުން ކަމަށް އެކުންފުނީން ބުނެފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ސްޓެލްކޯއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މުޖުތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޯގާތެރިކަމާއެކު އަޅައިލަންޖެހޭނޭ ކަމަށެވެ. އަދި އެމީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭންޖެހޭ ކަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ.

"ނުކުޅެދުންތެރިކަމެއް ހުރުމަކީ ތިމާގެ ދިރިއުޅުމަށް އޮތް ހުރަހަކަށް ނުވާނެ ކަން މިކުންފުނީގައި މަސައްކަތް ކުރާ ޚާއްސަ އެހީއަށް ބޭނުންވާ މުވައްޒަފުން ގެންދަނީ ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެމުން. އަޅުގަނޑުމެންގެ މި މުޖުތަމައުއަކީ އެފަދަ ފަރާތްތަކަށް އަޅާލާ، ހަމަހަމަ ފުރުސަތުތަކެއް ތަނަވަސްވެފައިވާ މުޖުތަމައުއަކަށް ހަދަންޖެހޭ،" ސްޓެލްކޯއިން ބުނެފައިވެއެވެ. ސްޓެލްކޯއަކީ ވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުން ފުދޭވަރަކަށް ގިނައިން މަސައްކަތް ކުރަމުންދާ ކުންފުންޏެވެ. އާދައިގެ މީހުންނާ އެއްވެސް ތަފާތު ކުރުމެއްނެތި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމަކީ މިސަރުކާރުން ވެސް އިސްކަމެއް ދެއްވާކަމެކެވެ.