ރައީސް އަބްދުﷲ ޔާމީންގެ މައްސަލައަށް ދައުލަތުން ނުފޫޒު ފޯރުވަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ކޮށްފިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޓީމުން ބުނެފައިވަނީ މި މައްސަލާގައި ދައުލަތުގެ ފަރާތުން މުއައްސާސާތަކަށް ނުފޫޒުފޯރުވަން މަސައްކަތް ކުރާކަމަށާއި އެއީ ކަންބޮޑުވާކަމެއް ކަމަށެވެ. ރައީސް ޔާމީނާ ބެހޭ ގޮތުން ތަހުގީގެއް ކުރިޔަސް، މައްސަލައެއް ބެއްޔަސް ހުކުމެއް ކުރިޔަސް ސަރުކާރުން ބަލަނީ ނުފޫޒެއް ފޯރުވޭތޯ ކަމުގެ ތުހުމަތު އެޓީމުން ވަނީ ކޮށްފައެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ކުރިއަށްގެންދަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އެ ދައުވާތަކާއި އުފައްދައިގެން އުޅޭ ކަންތައްކަކީ އެމަނިކުފާނަށް ގޯނާކުރުމުގެ ގޮތުން ދައުލަޔުން ކުރައްވާ ކަމެއް ކަމަށްވެސް އެޓީމުން ވަނީ ތުހުމަތު ކުރައްވައިފައެވެ. "ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގުތަކާއި ދައުވާތަކަކީ އެއީ އަސްލެއްނެތް ކަންތައްކެއްގެ މައްޗަށް އުފައްދައިގެން ކުރަމުންދާ ދައުވާތަކެއްކަން އަބަދުވެސް ދަންނަވަމުން ގެންދަން. އަބަދުވެސް މިއުޅެނީ އެއް މައްސަލައެއް. ތަފާތު ނަންނަމުގައި ތަފާތު ދައުވާތަކެއްގެ ގޮތުގައި ކުރަމުން މިދަނީ ހަމައެއް ކަމެއް،" އެ ޓީމުން ވިދާޅުވިއެވެ.

އެ މައްސަލައަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އަހުމަދު ޒިޔަތު ބޭނުން ކުރައްވައިގެން އެބޭފުޅުން ބޭނުންވާ "ސީންތައް" ސެޓުކޮށްގެން ކުރައްވަމުން ގެންދަވާ ދައުވާތަކެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނުގެ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރުގެ އެހެން މައްސަލަތައް ނަންގަވައިގެން އެފަރާތަށް ވެސް ގޯނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވާކަމަށް ރައީސް ޔާމީން ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ. "މައްސަލައެއް ބަލާފާނޭ ކަމުގެ ބިރު ދައްކައި ހެދުމަކީ ވެސް މައްސަލައަށް ނުފޫޒު ފޯރުވުމުގެ އަމަލެއް. މިކަންކަމުން ދައުލަތް ދުރުހެލިވެ ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބުމަށް މަގުފަހިކޮށްދިނުމަށް ގޮވާލަން،" އެޓީމުން ވިދާޅުވިއެވެ.