ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާގެ ތިން މަސް ބޯޓް، މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިންނެވެ. މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދެ ބޯޓެއް، ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ސްރީލަންކާގެ މި ދެ ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެކެވެ. މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވުނު ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެކެވެ. އޭގައި 7 ފަޅުވެރީން ތިއްބެވެ. ރާއްޖޭގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ޑިސެންބަރު 1 ވަނަ ދުވަހު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެ އިތުރުން އެހެން ބާވަތްތަކުގެ މަސް ވެސް ހުރިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބޯޓުފަހަރު މާލެ ގެދިއުމުގެ މަސައްކަތް ކުރަމުންދަނީ ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށުންނެވެ. މި ބޯޓްތައް ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1 ޖަހާ އެހައިކަންހާއިރި ކަމަށް އެމްއެންޑީއެފުން ލަފާކުރައްވައެވެ.