މަގުބޫލު ސަބަބެއްނެތި އާންމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ލ. ގަން، ވިލާ، ޙުސައިން ޢާޠިފް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ ބަންދުގައި ބަހައްޓައި އޭނާ ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ. ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ 2022 ޑިސެމްބަރު 07 ވަނަ ދުވަހުގެ 12:00 އަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އެމީހާގެ ފޮޓޯ ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.