މ. މުލަކު ކައުންސިލާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް (ސެލް) ގުޅިގެން ފުޓުސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މިއީ މަސްވެރިންގެ ދުވަހާ ގުޅިގެން އެރަށުގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެކެވެ.
"ހޯކޯމާރު ފުޓްސަލް ޗެލެންޖް 2022" ގެ ނަމުގައި ބާއްވާ މި މިމުބާރާތަކީ މި އަހުރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަސްވެރިންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ މުބާރާތެވެ.
މުލަކު ކައުންސިލްގެ މެމްބަރު، ސާމިޔާ މުހައްމަދު މި މުބާރާތާ ބެހޭ ގޮތުން ވިދާޅުވީ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް މަސްވެރީންގެ މެދުގައި އެކުވެރިކަން އާލާކޮށް ދިރުވައި ވަރުގަދަކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.
ސާމިޔާ ވިދާޅުވީ މުލަކަކީ މަސްވެރި ރަށެއް ކަމަށާއި ރަށު ތަރައްޤީ އަށް މަސްވެރީންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. ރަށުގެ އުމްރާނީ ތަރައްގީން ފެށިގެން ކުޅިވަރުގެ ރަންވަނަތައް ހޯދައިދިން މޭސްތިރިންނަކީވެސް އެރަށުގެ ހީވާގި މަސްވެރީން ކަމަށް ވިދާޅުވިއެވެ.
މިއީ ފެށުމެއް ކަމަށާއި މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މިމުބާރާތް ބޭއްވުމަށް ނިންމައިފައިވާ ކަމަށް ކައުންސިލްގެ ރައީސް، (އަޙުމަދު ޖަމާލް) ވިދާޅުވެފައިވާ ކަމަށް ވެސް ސާމިޔާ ވިދާޅުވިއެވެ. މި ހަރަކާތުގައި މަސްވެރީންނަށް ވަރަށް ރަނގަޅު ހަދިޔާ ޕެކޭޖެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސާމިޔާ ވިދާޅުވިއެވެ.
މުލަކުގައި މަސްވެރިކަންކުރާ ހަތް ދޯނި އޮވެއެވެ. އޭގެތެރެއިން މުބާރާތުގައި ބައިވެރިވެފައިވަނީ 4 ދޯންޏަކުންނެވެ. އެއީ "ހާސިލް" ދޯންޏާއި "ބްލޫފިން" އަދި "ގެލެކްސީ" އާއި "އުފާ" އެވެ.
ސެލް ޖަމިއްޔާގެ ޗެއަރމަން، މުހައްމަދު ލަތީފް ވިދާޅުވީ މިމުބާރާތް ބޭއްވުމަށް ވެސް މަސްވެރީންގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އެކަމަށްޓަކައި އެ ޖަމިއްޔާއިންނާއި ރަށު ކައުންސިލުން މަސްވެރިންނަށާއި މިކަމުގައި އެހީތެރިވާ އެހެން ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.