މިދުވަސްވަރަކީ ސިޔާސީ މަސައްކަތް ކުރާ ދުވަސްވަރެއް ނޫންކަމަށާއި މިއީ ވޯލްޑްކަޕް ދުވަސްވަރު ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އޭނާގެ ސިޔާސީ ހަރަކާތްތައް ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

އުމަރު ވިދާޅުވީ މިދުވަސްވަރަކީ މުޅި ދުނިޔެއަށް އައިސްފައިވާ އުފާވެރި އީދެއް ކަމަށެވެ. އެހެންކަމުން ސިޔާސީ މަސައްކަތްކަށްވުރެ ބޮޑަށް މިވަގުތަށް އިސްކަން ދެވެނީ ވޯލްޑް ކަޕަށް ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ހުރިހާ ހަރަކާތްތައް މިހާރުވާނީ ވަގުތީ ގޮތުން ހުއްޓާލައިފައި. ދެން ފަށާނީ ވޯލްޑް ކަޕަށްފަހު،" އުމަރު ވިދާޅުވިއެވެ.

އުމަރަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނޭކަން އިއުލާން ކުރެއްވުމަށްފަހު އެކަމަށް މިހާރުން ފެށިގެން ތައްޔާރުވަމުން ގެންދަވާ ބޭފުޅެކެވެ.

އުމަރު ގެންދަވަނީ ދޭތެރެދޭތެރެއިން ސިޔާސީ ބައްދަލުވުންތަކާއި ސައްލާތައް ބާއްވަމުންނެވެ. އަދި ބައެއް މުނާސަބާތައް ފާހަގަ ކުރުމުގެ ގޮތުން ޖަލްސާތައް ވެސް ބާއްވަމުން ގެންދަވައެވެ.

ސިޔާސީ މަސައްކަތްތައް މަޑުޖައްސާލި ނަމަވެސް، ކެމްޕޭން ޕްލޭން ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ޢުމަރު ވިދާޅުވިއެވެ.