އެއިޑްސްއާއި ހެޕަޓައިޓިސް ފަދަ، ގައިންގަޔަށް އަރާ ބައެއް ބަލިތަކާބެހޭ ގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި، ޓެސްޓް ކުރުން ފަދަ ގިނަ ޙަރަކާތްތަކެއް ޞިއްޙީ ދާއިރާގެ ޤައުމީ އިދާރާތަކާއި އަތޮޅު އަދި ރަށުފެންވަރުގެ އިދާރާތަކުން ގުޅިގެން ގއ. އަތޮޅުގައި ފާހަގަ ކުރަމުން އެބަ ގެންދެ އެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އެއިޑްސް ބަލީގެ ދުވަސް ކަމަށްވާ ޑިސެމްބަރ 1، އާ ދިމާކޮށް ހިންގާ މި ޙަރަކާތްތައް ގއ. ވިލިނގިއްޔާއި، ކޫއްޑުއާއި، ދާންދުއާއި އަދި ގެމަނަފުށީގައި ހިންގުމަށް ވަނީ ތާވަލު ކޮށްފަ އެވެ.

ޞިއްޙީ ދާއިރާއިން އިސްނަންގަވައިގެން ހިންގަމުން ގެންދާ މި ޙަރަކާތްތައް މިހާރުވެސް ގއ. ވިލިނގިލީގައި ކުރިޔަށް ދާއިރު، މި ކަމުގައި އެ ރަށުގެ ކައުންސިލާއި، އަތޮޅު ހޮސްޕިޓަލުން އިސްދައުރެއް ގެންދަނީ އަދާކުރަމުންނެވެ. އަދި އެ ރަށުގައި ޤާއިމު ކުރެވިފައިވާ ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި، މި ދާއިރާގެ ކަންކަމުގައި ޙަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުން ވެސް މި ޙަރަކާތްތަކުގައި ގެންދަނީ ބައިވެރި ވަމުންނެވެ.

ޞިއްޙީ ދާއިރާގެ އިސް ބޭފުޅުންގެ ބެއްލެވުމުގެ ދަށުން ހިންގަމުންގެންދާ މި ޙަރަކާތްތަކުގެ ތެރެއިން ބައެއް ކަންކަމުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ވިލިނގިލީގައި ހިންގާ މި ހަރަކާތްތަކުގެ ތެރޭގައި، ގައިންގަޔަށް އަރާބަލިތައް ހުރިތޯ ބެލުމަށްޓަކައި ޓެސްޓް ހަދަން އެދޭ ދިވެހިންނަށާއި ބިދޭސީންނަށް ވަގުތުން ނަތީޖާ ލިބޭ ޓެސްޓްތައް ހަދައިދިނުމާއި، ޚާއްސަ ބަލިބަލީގެ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމާއި، ބިދޭސީންނަށް ޚާއްޞަކޮށްގެން ބޭއްވި ފެއަރ އެއް ވެސް ހިމެނެ އެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން މި ރޭ ވިލިނގިލީ ޒުވާނުންގެ މަރްކަޒުގައި ބާއްވާ ޚާއްޞަ ޙަފުލާގައި ކުޅިވަރުގެ އައިޓަމްތަކެއް ވެސް އޮންނާނެ ކަމަށާއި، މި އިވެންޓްގައި ހެޕަޓައިޓިސްގެ ގުޑްވިލް އެމްބެސެޑަރ އަދި މަޝްހޫރު މިއުޒިކް ފަންނާނު ރާޅު މަރިޔަނބުގެ ޚާއްޞަ ސެޝަންތަކެއް އޮންނާނެކަން ވަނީ ހާމަ ކޮށްފަ އެވެ. މި ސެޝަންތަކުގައި، އެކިވައްތަރުގެ މިއުޒިކް އިންސްޓްރޫމަންޓްސް ބޭނުން ކުރާނެ ގޮތް ކިޔައިދިނުމާއި، ހެޕަޓައިޓިސް އާއި ލައިފް ސްޓައިލްގެ އެކިއެކި މަޢުލޫމާތު ދިނުން އޮންނާނެ ކަމަށް ވެސްވަނީ ބުނެފަ އެވެ.