ވާހަކަ ދައްކައިގެން ސުލްޙަ ހޯދައި ހަނގުރާމަ ހުއްޓިދާނެ ކަމުގެ އިޝާރާތެއް، ރަޝިޔާގެ ރައީސް ޕޫޓިން ކުރައްވައިފި ކަމަށް އިނގިރޭސި ވިލާތުގެ ޓީވީ ޗެނެލެއް ކަމަށްވާ ސްކައި ނިއުސް އިން ބުނެފި އެވެ. ރައީސް ޕޫޓިން، ޞުލްޙައިގެ ވާހަކައާބެހޭ މި ފަދަ އިޝާރާތެއް ކުރައްވާފައި މި ވަނީ، ޖަރުމަނުގެ ޗާންސެލަރާއި ފަރަންސޭސި ރައީސާއި އަދި އެމެރިކާގެ ރައީސް ވެސް، ރަޝިޔާއާ ވާހަކަދައްކައިގެން ޞުލްޙައެއް ހޯދުމާބެހޭ ގޮތުން ޚިޔާލުފުޅުތަކެއް ގެންގުޅުއްވާކަން ހާމަވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ރައީސް ބައިޑަންއާ ބައްދަލުކުރެއްވުމަށް ވޮޝިންޓަނަށް ވަޑައިގެން ހުންނަވައި، ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން ފަރަންސޭސި ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް ޕޫޓިން އަބަދުވެސް ހުށަހަޅުއްވަމުން ގެންދަވާ، ރަޝިޔާގެ ސަލާމަތީ ރައްކާތެރިކަމުގެ ގެރެންޓީއާމެދު ޔޫރަޕުން ވިސްނަން ޖެހިފައިވާ ކަމަށާއި، ޕޫޓިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނީ، ނޭޓޯއިން ހަނގުރާމަވެރި ހަތިޔާރު ގެނެސް ރަޝިޔާގެ ދޮރާށިބުޑަށް ޖަމާކުރަމުން ގެންދާތީ ކަމަށާއި އެއީ ޙަޤީޤަތުގައި ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައަކީ، އެމެރިކާއާއި އީޔޫ އިން ޔުކްރޭނާ ގުޅިގެން ރަޝިޔާގެ ސަލާމަތަށް ނުރައްކާ ކުރަމުން ގެންދާތީ އެ ކަމާމެދު އެތަކެއް ދުވަސް ވަންދެން އިންޒާރުދީ ހެދުމަށްފަހު، އެންމެ ފަހުން ޔުކްރޭން ނޭޓޯގެ މެމްބަރަކަށް ހަދައިގެން އެ ތަން ޙިމާޔަތް ކުރުމުގެ ބަހަނާގައި ނޭޓޯއިން ރަޝިޔާއަށް އަރައިގެންފާނެ ކަމަށް ގަބޫލު ކުރެވުމުން ދޭން ފެށި ހަމަލާތަކެއް ކަމަށާއި، އޭގެ ބޭނުމަކީ ޔުކްރޭނަކީ ރަޝިޔާއަށް ނުރައްކާ ކުރެވޭނެ ހަތިޔާރު ނެތް، އަދި ހިޓްލަރު ޖަރުމަނު ވިލާތުގައި ގެންގުޅުނު ނާޒީ ޚިޔާލާތުން އެއްކިބާވެގެންވާ ޤައުމަކަށް ހެދުން ކަމަށް ރަޝިޔާއިން ވަނީ ބުނެފަ އެވެ.

ރަޝިޔާއިން ޔުކްރޭނަށް އެރުމާއެކު، އެމެރިކާއާއި ނޭޓޯގެ ޤައުމުތަކުން ފާޅުގައި ޔުކްރޭނަށް ހަތިޔާރާއި ފައިސާ އޮއްސައި، ރަޝިޔާއާ ކުރިމަތިލުމަށް ހިތްވަރުދީ އެ މަގުން އެ ޤައުމުތަކަށް ކުރެވެންއޮތް ހުރިހައި ކަމެއް ވަނީ ކޮށްފަ އެވެ. އަދި ރަޝިޔާގެ ދައުލަތާއި ވަކިވަކި ފަރުދުންނާ ދެކޮޅަށް އިޤްތިޞާދީ ގޮތުންނާއި މާލީގޮތުން ދަތިކޮށް ރަޝިޔާ ވަނީ މުޅިން އެކަހެރި ކޮށްފަ އެވެ. ރަޝިޔާއަށް މި ކަންކަމުގެ ސަބަބުން މާލީ އެތަކެއް ގެއްލުންތަކެއް ލިބުނު ނަމަވެސް އަދި އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދިން ޢަސްކަރީ އަދި މާލީ އެހީގެ ސަބަބުން ރަޝިޔާ ބޭނުންވި ކަންތައްތައް ޙާޞިލު ނުވި ނަމަވެސް، އަވަށްޓެރި ރަޝިޔާއާ ޢަދާވާތްތެރިވެ، ދުރުތިބީންގެ ބަހަށް ހެއްލުމަކީ ކިހައި ގެއްލުންހުރި ކަމެއް ކަން ހަނދާނުން ނުފިލައި ހުންނާނެ ވަރުގެ މެސެޖެއް ރަޝިޔާއިން ވަނީ ޔުކްރެއިނަށް ދީފަ އެވެ. އަދި ކެތްކުރެވޭނީ ވަކި ވަރަކަށް ކަމަށާއި، ރަތްރޮނގު ފަހަނައަޅައިފި ނަމަ ހަމަލަދޭނެ ކެރުމާއި ޤާބިލިއްޔަތު ރަޝިޔާގެ ކިބައިގައި ހުރިކަން ހުޅަނގާއި އެމެރިކާއަށް ވެސް ވަނީ އަންގައިދީފަ އެވެ.

ރަޝިޔާއަށް ދަތިކުރުމަށްޓަކައި އަޅާފައިވާ އިޤްތިޞާދީ ފިޔަވަޅުތަކާހެދި ޔޫރަޕްގެ ރައްޔިތުން ވަނީ ދުވަހަކު ނުދެކޭފަދަ ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. އަގުހެޔޮކޮށް ރަޝިޔާއިން ތެލާއި ގޭސް ގަނެގެން ޔޫރަޕްގެ ޤައުމުތަކުގައި އުފައްދަމުން ގެންދިޔަ ތަކެތި، ރަޝިޔާގެ ތެލާއި ގޭސް މެދުކެނޑުމުން، އިތުރަށް އުފެއްދޭނެ ގޮތެއް ނެތި، ނުވަތަ އަގުބޮޑުކޮށް ތެލާއި ގޭސް ހޯދައިގެން އެ ތަކެތި އުފައްދަން ޖެހުމުން، އޭގެ އަގުތައް އެތަކެއް ގުނައަކަށް އުފުލި، އެ ކަމުގެ ސަބަބުން ސަރުކާރުތަކާ ދެކޮޅަށް ރައްޔިތުން ނުކުމެ ޖަރުމަނާއި އިޓަލީގެ ސަރުކާރުތައް ވަނީ ބަދަލު ކޮށްފަ އެވެ. އިނގިރޭސި ވިލާތުގައި އެއް އަހަރުގެ ތެރޭގައި ތިން ބޮޑުވަޒީރުން ވެރިކަމާ ޙަވާލުވާން ވަނީ ޖެހިފައެވެ. އެމެރިކާގައި ވޭތުވި ބައިގަރުނެއްހައި ދުވަހު ވެސް، ތަކެތީގެ އަގު މިހައި ބޮޑުވެފައެއް ނުވެއެވެ. ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ މަޖްލިސް އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީގެ އަޣުލަބިއްޔަތު މި ފަހަރު ވަނީ ގެއްލިފަ އެވެ.

މި ހަނގުރާމައިގެ މައިދާނަކީ ޔުކްރޭން ނަމަވެސް، އަޞްލުގައި ހަނގުރާމަކުރަނީ އެމެރިކާ އީޔޫގެ ކޯލިޝަނާއި ރަޝިޔާއާ ދެމެދު ކަމަށް ވާތީ މި ދެފަރާތަށް ޞުލްޙައިގެ ބޭނުން ވިސްނިއްޖެކަމަށް ވާހަކަތަކުން ދޭހަވާން ފެށުމުން، ދެން ޞުލްޙައިގެ ވާހަކަ ފެށިދާނެކަމަށް ބެލެވެއެވެ.