އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޢަޒީޒް އަލްއުޘްމާން ފަޚްރޫއާ، އުރީދޫ ގުރޫޕްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު އެގްރޫޕާ ބައްދަލު ކުރެއްވީ ޤަތަރުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް އެޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖެ އާއި ޤަޠަރާއި ދެމެދު އޮތް ބަދަހިގުޅުމާއި، ޢިތުބާރާއި، އެހީތެރިކަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި އުރީދޫ މޯލްޑިވްސް އަކީ، ދިވެހިރާއްޖޭގެ އެންމެބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އެކުންފުންޏަކީ މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށާއި، ދިވެހިރާއްޖެ އާއި ޤަތަރުގެ އާއްމު ތަރައްޤީގެ ބައިވެރިއެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އުރީދޫގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ޞިއްޙީ ދާއިރާއާ، ފައިދާހުރިކާނާއާ، އަންހެނުން ބާރުވެރިކުރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، އުރީދޫއިން މޯލްޑިވްސްއިން ކުރައްވާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ކުންފުނީގެ ޑިޖިޓަލް ލިޓަރެސީ ޕްރޮގްރާމާއި، ޒުވާނުންގެ އުފެއްދުންތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ހިންގާ އެކްސެލެރޭޓަރ ޕްރޮގްރާމާއި، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާއި، ހުޅުމާލެ "ސްމާޓް ސިޓީ" އިނީޝިއޭޓިވްއާ ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެބޭފުޅުން ވަނީ، އުރީދޫއިން އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު ޚިދުމަތްތައް ފުޅާކޮށް، އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމަޢަށް ފޯރުކޮށްދޭ އެހީތަށް އިތުރުވެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.