މަސްވެރީންނަށް ކޮށްދޭން ވަޢުދު ވެފައިވާ ކަންކަން ކޮށްދެއްވުމުގައި، މިސަރުކާރު ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވިދާޅުވެއްޖެއެވެ.

ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް ކަމަށްވާ އެމްއާރުމުން މަސްވެރިންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޮވިޑް ގެ ދަތިހާލުގައިވެސް ކަންނެލި މަސްގަނެ ބޭރުކުރާ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ހަމަޖައްސަވައި ދެއްވައި، ކަޅުބިލަ މަސްގަތުމަށް އޮތް އެކްސްކުލޫ ސިވިޓީ އުވާލައްވައި، މަސްވެރިން ބާނާ މަހަށް ފައިސާ ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމަކީ މިސަރުކާރުން މަސްވެރިންނަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެން ދާ ކަމެއް ކަމަށެވެ.

"މަސްވެރިކަމުގެ ޞިނާޢަތަކީ ދިވެހިރާއްޖެ އަށް ވަރަށް ބޮޑު އާމްދަނީ އެއް ލިބޭ އެއް ސިނާޢަތެވެ. އަދި މިއަދު މިދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެފައި ވުމަކީ، މިދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެކެވެ. ދިވެހިރާއްޖެ ކުރި އަރައިގެން ދިއުމުގައި، ޒުވާނުން ނަކީ ވަރަށް ބޮޑު ޙިއްސާ އެއް ވާ ބައެއްކަމުގައި ދެކެމެވެ. މި ޞިނާޢަތު ކުރި އެރުވުމަށްޓަކައި އަދިވެސް އެތައް ގުނަ މަސައްކަތް ތަކެއް މިއަދު ވެސް މިވަނީކުރަން ޖެހިފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް އެކަށީގެން ވާ ރަނގަޅު އަގެން ލިބުމާއި، އެމަސް ކިރޭނެ އެކަށީގެންވާ އިންތިޒާމު ތަކެއް ނެތުމުގެ ޝަކުވާ އަކީ، މިއަދު މަސްވެރިން އެންމެ ގިނައިން ކުރަމުން ގެންދާ އެއް ޝަކުވާއެވެ." އެބަޔާނުގައި ވެއެވެ.

މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މަސްވެރިކަމުގެ ދާއިރާގައި މިހާރު ދިވެހިރާއްޖެ މިވަނީ އެތައް ގުނައެއް ކުރިޔަށް ޖެހިފައިކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ. "އެކަމަށްޓަކައި ހުރިހާ ދިވެހީންވެސް މިއަދު ފަޚުރުވެރި ވެއެވެ. އަދި މިދުވަހުގެ މުނާސަބަތުގައި، ދިވެހި މަސްވެރިންނަށާއި މި ޞިނާޢަތުގައި ޚިދުމަތް ކުރައްވާ އެންމެހާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތް ތަކަށް ޝުކުރު ދަންނަވަމެވެ."