ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އައްޑޫސިޓީއަށާއި ފުވައްމުލައްސިޓީއަށް ކުރައްވާ ރަސްމީދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނުގެ މިދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެން މީހުން އުޅޭ ހުރިހާ އަވަށްތަކަށް މިއަދު ޒިޔާރަތްކުރައްވާނޭ ކަމަށެވެ. އޭގެ އިތުރުން އައްޑޫސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ވެސް ބައްލަވާލައްވާނެއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކަށް ވެސް އެމަނިކުފާނު ޒިޔާރަތް ކުރައްވާނެއެވެ. މީގެ އިތުރުން ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ޚިދުމަތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިފްތިތާޙްކޮށްދެއްވާނެއެވެ.

މިދަތުރުފުޅުގައި، ފުވައްމުލައްސިޓީއަށް ވަޑައިގެން، އެސިޓީގައި ހިންގާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން، ޏ. އަތޮޅުތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ވެސް އެމަނިކުފާނު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.