ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އައްޑޫ ސިޓީ ކައުންސިލާއި، އެންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެމަނިކުފާނު މި ބައްދަލުވުމަކީ މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްސަ ބައްދަލުވުމެކެވެ. މި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ އެ ސިޓީގެ ތަރައްޤީއާ އަދި އެ ސިޓީއަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ، މި ހިނގާ ދައުރަކީ އައްޑޫ ސިޓީގައި ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގެމުންދާ ދައުރުކަން ފާހަގަކުރައްވާފައެވެ. އަދި، މުޅި ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫޢުތަކާ އަޅާކިޔާއިރު އައްޑޫ ސިޓީގައި ވަރަށް ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އެގޮތުން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢު ނިމޭއިރު، އައްޑޫގެ ހުރިހާ މަގެއް އޮންނާނީ ޒަމާނީ ފެންވަރަށް ހަދައި ނިމިފައި ކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، ކައުސިލްގެ ބަޖެޓުގެ ދަތިކަމާއި، އައްޑޫ ސިޓީގެ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމުގައެވެ. މިގޮތުން، ތަޢުލީމާއި ޞިއްޙީ ދާއިރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އޭއީއެޗްގެ ދަށުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކުރެވި އިތުރުކުރެވެމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި، އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލާއި އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ، ހިތަދޫ ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ ކިޔަވައިދިނުން ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސްކޫލުގެ ސީނިއަރ މެނޭޖްމެންޓާ ބައްދަލު ކުރައްވާފައެވެ.

ފައުންޑޭޝަން މަރުޙަލާއިން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ހިތަދޫ ސްކޫލުގައި އެއްހާހަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލް ކުރަމުންނެވެ.