މާލޭގެ ތަރައްޤީއަށް މިވަގުތު އޮތް އެންމެބޮޑު ހުރަހަކީ އެސިޓީގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ހިފަހައްޓާފައި އޮތްއޮތުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވެފައިވަނީ އެ ޕްލޭން ފާސްކޮށްނުދީ އޮތުމުން މާލޭގެ ރައްޔިތުންނަށް ހޯދައިދޭންޖެހޭ މައުނަވީ ހަމަޖެހުމެއް ވެސް ހޯދައިދެވެން ނެތްކަމަށެވެ. މާލޭ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދީ ހިފަހައްޓާފައި އޮންނަތާ އަހަރެއް ވެއްކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން މޭޔަރު ޑރ. މުޢިއްޒު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސައިފް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭންގައި ކަންތައްތައް ކުރުމަށް އެކަށައަޅާފަވާ ސަރަޙައްދުތަކާ އޭގެ ޕެރިމީޓަރސް އެނގިގެން ނޫނިއްޔާ އެއްވެެސް ކަމެެއް ރައްިތުންނަށް މިވަގުތަކަކަށް ކޮށްދެވެން ނެތްކަށެވެ. އެހެންކަމުން އެފުރުސަތު މިހާރު ބަންދުވެފައިވާ ކަަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތްތަނުގައިވެސް ލޭންޑް ޔޫސް ޕްލޭން ފާސްވެގެންދާނެ ކަމަށް ލަފާނުކުރެވޭ އޭނާ ވިދާޅުވެފައިވެއެވެ. އޭގެ ބަދަލުގައި މިހާރުވެސް ފެނިގެންދަނީ އެ ޕްލޭން ހިފަހައްޓާތަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ކައުންސިލާއި ގުޅިގެން ޙަރަކާތްތެރި މަސައްކަތެއް ސަރުކާރުން ކުރަމުންދާތަން ނުފެންނަ ކަމަށާއި، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފެހެއްޓުމުން ވަކި ހިސާބަކުން ކައުންސިލްގެ ފަރާތުން ކޯޓަށް ދާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ލާމަރުކަޒީ ޤާނޫނުގައި ބުނާގޮތުން މި ޕްލޭން ފާސްވެފައިވާކަމަށް މީގެ ކުރިން ހައުސިންގް މިނިސްޓަރު ވެސް ވިދާޅުވެފައިވާކަމަށާއި، މި ލޭންޑް ޔޫސް ޕްލޭންގެ ކަންތަކުގަ ކައުންސިލްގެ މުޅި އެޖެންޑާ މި ފަސް އަހަރު ދުވަހު ކުރަންޖެހޭ މަސައްކަތްތައް އެއްކޮށް ރަހީނުވެފަ އޮންނަގޮތަށް އޮތުމަކީ ޤަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.