އަންއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭނޭ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ އެންމެ އިސް ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. އެމަނިކުފާނު ކެންޑިޑަސީ ފޯމު މިއަދު ހުށަހެޅުއްވީ ވިހި ހާހަށްވުރެ ގިނަ މެމްބަރުންގެ ތާއީދު ފޯމާ އެކުގައެވެ.

ރައީސް ސާލިހު ފޯމު ހުށަހެޅުއްވިކަން އެމަނިކުފާނުގެ ކެންޕޭން މެނޭޖަރ ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނާޝިޒު ވަނީ ޓުވިޓަރ މެދުވެރިކޮށް ކަށަވަރު ކޮށްދެއްވައިފިއެވެ. ރައީސް ސާލިހު ވިހިހާސް ފޯމް ހުށަހެޅުއްވިޔަސް ޕާޓީގެ ގަވާއިދު ބުނާގޮތުން މަދުވެގެންް 500 މެމްބަރރުންގެ ތާއީދާއެކު ފޯމު ހުށަހެޅޭނެއެވެ.

"2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމް.ޑީ.ޕީގެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް،20k އަަށް ވުރެގިނަ މެމްބަރުންގެ ތާއީދާއި އެކު، ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ކެންޑިޑަސީ ފޯމު ހުށައަޅުއްވައިފި. މާތް الله މަނިކުފާނަށް ކާމިޔާބު މިންވަރު ކުރައްވާށި،" ޝިނާޒު ވިދާޅުވެފައިވެއެވެ. ރައީސް ސާލިހު މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ހުވަދު އަތޮޅު އުތުރުބުރީގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ ކެންޑިޑަސީ ފޯމް ހުށަހަޅުއްވައިފައެވެ. އެހެންނަމަވެސް އެމަނިކުފާނު ފޯމް ހުށަހެޅުއްވީ ކިތައް މެމްބަރުންގެ ތާއިދު ފޯމާއެކުގައި ކަމެއް ކަށަވަރު ވެފައެއް ނުވެއެވެ.