ޤައުމީ ކެޑޭޓް ކޭމްޕްގެ ބާވީސް ވަނަ ބުރު ކ.ގިފިރުށީ ޓްރޭނިންގ ސެންޓަރުގައި ފަށައިފިއެވެ.

މި ކޭމްޕު ފަށްޓަވައިދެއްވީ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އިބްރާހީމް ނައީމެވެ.

މިރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ކެޑޭޓް ކޭމްޕަކީ މުހިންމު ހަރަކާތެއް ކަމަށެވެ. ކޮންމެ ދަރިވަރަކު ވެސް ހިތްވަރާއެކު މަސައްކަތްކޮށް، ކޭމްޕުން ދަސްވާ އެއްޗެހީގެ ބޭނުން އަމަލީމައިދާނުގައި ބޭނުން ހިފުމަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ކޭމްޕުގެ މުދައްރިބުންނަށް ވައުދު ލައިދެއްވުމާއި، ކޭމްޕުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން ވެސް އޮތެވެ. މުދައްރިބުންނަށް ވައުދު ލައިދެއްވީ ކެޑޭޓް ކޭމްޕުގެ ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ނަޞީރެވެ. އަދި ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ސާޖަންޓް މޭޖަރ ޢަބްދުލް ޢަޒީޒު އިބްރާހީމްއެވެ.

މި ކޭމްޕު ކުރިއަށްދާނީ މިއަދުން ފެށިގެެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޭޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 33 ސްކޫލަކުން، 60 ފިރިހެން ކުދިންނާއި އަދި 59 އަންހެން ކުދިންނާއެކު ޖުމްލަ 119 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއީ ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖްތަމައަށް ފާއިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމުގެ މަގުސަދުގައި ބާއްވާ ކޭމްޕެކެވެ.

ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކޮށް ދިރުވުމާއި، ގާނޫނާއި ގަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ގަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުން ވެސް މި ކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެމްއެންޑީއެފުން ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓޫންނަށް ތަޢާރަފް ކޮށްދިނުން ވެސް މަގުސަދުގެ ތެރޭގައި ހިމެނެއެވެ.

ކޭމްޕް ނިމުމުން އެކި ވަނަތަކަށް ހޮވޭ ކެޑޭޓުންނަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ މޮޅު ފިރިހެން ދަރިވަރު ހޮވުމާއި، އެންމެ މޮޅު އަންހެން ދަރިވަރު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އުނގަންނައި ދެވުނު އެކެޑެމިކް މާއްދާތަކުން އެންމެ މޮޅު ދަރިވަރު ހޮވުމާއި، އެންމެ މޮޅު ޕްލެޓޫން ފަދަ ވަނަތައް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެޑޭޓް ކޭމްޕްގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، ލީޑަރޝިޕް އަދި މެރިޓައިމް ސްޓަޑީޒް ހިމެނެއެވެ. މި ކޭމްޕްގައި ކިޔަވާދެއްވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންްސް ފޯސްގެ މުދައްރިބުންނާއި މޯލްޑިވްސް ނޭޝަލް ކެޑޭޓް ކޯރގެ މުދައްރިބުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ އެމްއެންޑީއެފްގެ ފަރާތުންނެވެ. މީގެ އިތުރުން ސްކޫލްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސާ ފަރާތަކީ މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯއެވެ. މީގެ އިތުރުން ކޭމްޕްގެ މުއްދަތުގައި އެމްއެންސީސީ ގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރިވާނެއެވެ.