ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗު ތަކުން ދެމުން ގެންދާ ޚިދުމަތްތައް މިމަހު 29 އިން ފެށިގެން ޖަނަވަރީ 2 ގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެތަނުގެ ޚިދުމަތްތައް މެދުކަނޑާލީ އައު އަހަރުގެ ބަންދާ ދިމާކޮށް ކަމަށެވެ. ބްރާންޗުތައް 5 ދުވަހަށް ބަންދު ކުރިޔަސް އޭޓީއެމް، އިންޓަރނެޓް އަދި މޯބައިލް ބޭންކިންގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބޭނޭ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

އަދި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރު (3330200) އިން ވެސް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނެކަމަށް ބީއެމްއެލް ބުނެފައިވެއެވެ.

ބީއެމްއެލްގެ ޚިދުމަތްދޭ ބްރާންޗްތައް މާލެގެ އެކި ހިސާބުތަކުގައި ހުރެއެވެ. އޭގެ ތޭރޭގައި އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސާވިސް ސެންޓަރ އާއި ބޮޑުތަކުރުފާނުމަގުގައި ހުންނަ ބީއެމްއެލް އިސްލާމިކް، މެއިން ބްރާންޗް އަދި ބީއެމްއެލް ބިޒްނަސް ސެންޓަރ ހިމެނެއެވެ.