ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަބަދުވެސް އެންމެ ގާތުގައި ހުންނަވާނޭ ކަމަށް އެމްއެންޕީގެ ރިިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަަން ރޭ އެމްއެންޕީބް ބޭއްވި ޖަގަހަ ޖަލްސާގައި ނާޒިމް ވިދާޅުވީ ރާއްޖެއަށް ސުނާމީ ކާރިސާ ދިމާވި ދުވަހުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވި ކަމަށެވެ. ދެންވެސް ހުންނަވާނީ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި، ރައްޔިތުންނަށް އެހީވާން އެންމެ ގާތުގައި ކަމަށް ވެސް ވިދާޅުވިއެވެ. ނާޒިމް ވިދާުވީ ކާރިސާތައް ދިމާވަނީ ހަމައެކަނި ރާޅު އަރައިގެން ނޫން ކަމަށާއި، އެހެެންގޮތްގޮތުން ވެސް ކާރިސާތައް ދިމާވާ ކަމަށެވެ. އެހެން ކަމުން އެކަންކަމަށް ކުރިން ތައްޔާރުވާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ސައުތު ސެންޓްރަލް ރީޖަންގެ ވިލުފުށީ ދާއިރާގެ ރައީސް ޙުސައިން އަޙްމަދާއި، ސައުތު ރީޖަންގެ ފުވައްމުލަކު ދެކުނު ދާއިރާގެ ރައީސް އަމްޖަދު ޙުސައިން ވާހަކަ ދެއްކެވިއެވެ. ސުނާމީގައި މީހުން ސަލާމަތްކުރުމާއި އެހީތެރިވުމަށް ދިވެހި ހުރިހާ ރައްުޔިތުން ވަނީ އެދުވަހު އެކަތިގަނޑަކަށް ވެފައި ކަމަށް އެ ދެބޭފުޅުން ވިދާޅުވިއެވެ. އެދުވަހު އަމިއްލަ ހާލަތަށްވުރެ އަނެކާއަށް އެންމެންވެސް އިސްކަންދިން ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. އެދުވަހަކީ ހުރިހާ ގަޮތަކުންވެސް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިން ދުވަހެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެދުވަހު ދެއްކި އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން މިއަދު ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ. މިއަހަރުގެ އެއްބައިވަންތަކުގެ ދުވަހަކީ އަލުން އެންމެން އެއްބައިވުމަށް އަަޒުމް ކަނޑައަޅަންްވީ ދުވަސް ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ. އެއްބައިވަންތަކަމުގެ ދުވަހަކީ ގައުމުވެސް އެކުވެރިކޮށް އެކައްޗަކަށް ހަދަންވީ ދުވަސް ކަމަށާއި އެކަން ކުރެވޭނޭ ސިޔާސީ ލީޑަރަކީ އެމްއެންޕީގެ ރައީސް ނާޒިމް ކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާގައި ރައްޔިތުން ދެއްކި އެކުވެރިކަމާއި އަޚްވަންތަކަމާއި، ގައުމީ އެއްބައިވަންތަކަމުގެ ގުޅުން އަލުން ހަނދާންކޮށް އެގޮތުގައި ތިބުމުގެެ އަޒުމް އައުކުރުމަށެވެ. އެ ކާރިސާގައި ރާއްޖެއިންވަނީ 82 މީހުން މަރުވެފައެވެ. 26 މީހަކު ވަނީ ގެއްލިފައެވެ.