ހުދު ހަންގަނޑަކީ ޔޫރަޕްގެ ޓްރޭޑްމާކެއް ކަމުގައި ހީވެދާނެއެވެ. އެ ހުދުކަމަކީ، ގަރުނުތަކެއް ވަންދެން އިންސާނުން ބައިބައިކޮށް، ނަސްލީ ފަޚުރުވެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައިވީ ނަމަވެސް އާ ދިރާސާއަކުން ދައްކާ ގޮތުގައި ޔޫރަޕް މީހުންގެ ހަންގަނޑު ދޮންވެފައި ވަނީ ދާދި ފަހަކުންނެވެ.

ޑރ. އިއާން މެތީސަން އިސްކޮށް ހުންނަވައިގެން ހާވާޑް ޔުނިވާސިޓީގެ ޖެނެޓިސްޓުން ވަނީ ގަދީމީ ޑީއެންއޭ ކޮނެގެން ހޯދުންތަކެއް ހޯދާފައެވެ. އެ ހޯދުންތަކުން ދައްކާ ގޮތުގައި ކުރީގެ ޔޫރަޕްގެ މީހުންނަކީ އަހަރެމެން ހީކުރާވަރަށް ވުރެން ކަޅު ބަޔެކެވެ. އެމީހުންގެ ހަންގަނޑުގެ ކަޅުކަން މިފަހަކާ ޖެހެންދެންވެސް އެކަޅުކަން މަތީގައި ހުއްޓެވެ.

އެމެރިކަން އެސޯސިއޭޝަން އޮފް ފިޒިކަލް އެންތްރޮޕޮލޮޖިސްޓުންގެ 84 ވަނަ އަހަރީ ބައްދަލުވުމުގައި ހިއްސާކޮށްފައިވާ، BioRxiv ބަޔޯއާރްކްސިވްގައި ޝާއިއުކޮށްފައިވާ އެމީހުންގެ ދިރާސާގައި މިވެރިންގެ ހަންގަނޑު ދޮންވި ގޮތާއި އެކަން ފެނުނު ޒަމާނަށް އަލިއަޅުވާލައި އެވާހަކަ ކިޔައި ދިނެވެ.

ކުރިން ސައިންސްވެރިން ހީކުރީ، މީގެ 40،000 އަހަރު ކުރިން އިންސާނުން އެފްރިކާ ބައްރު ދޫކޮށް ޔޫރަޕަށް ދިޔަތާ މާގިނަ ދުވަހެއް ނުވެ ޔޫރަޕަށް އިރުގެ އަލިކަން ނުލިބޭތީ، މީހުންގެ ހަންގަނޑު އިރުގެ އައްޔަށް އެޖަސްޓުވެ، އަލިވެގެން ދިޔައީ ކަމަށެވެ.

ނޫނެކެވެ! ސްޕެއިން، ލަކްޒަމްބަރގް އަދި ހަންގޭރީގައި، އަންޒަމާނުގައި ޖަނަވާރުން ޝިކާރަކޮށް އުޅުނު ޝިކާރަވެރިންގެ ޑީއެންއޭ އިން ދައްކާ ގޮތުގައި އެމީހުންގެ ހަންގަނޑު ހުރީ ކަޅުކޮށެވެ. މިކަމަށް ބަދަލެއް އައީ، މީގެ 7800 ވަރަކަށް އަހަރު ކުރިންނެވެ.

މިޒާމަނުގެ ތުރުކީވިލާތު ސަރަހައްދުކަމަށްވާ ކައިރި އިރުމަތީގެ ދަނޑުވެރިންތައް ހިޖުރަ ކުރަން ފެށިއެވެ. އެ ހިޖުރަކުރުންތަކުން ޔޫރަޕްގެ ކަޅު ބަބުރުންނަށް އެމީހުންގެ ފުށުން މުހިއްމު ދެ ޖީނެއް ލިބުނެވެ.

އެ ދެ ޖީނަކީ، SLC24A5 އަދި SLC45A2 ކަމަށް ސައިންސްވެރިން ބުނެއެވެ.

ކައިވެންޏާއި އެކު ނަސްލު މައްސުނިވުމުން، މި ދެ ޖީން ކަޅު މީޙުންގެ ހަށިގަނޑަށް ވާސިލުވެ، ހަންގަނޑުގެ ކުލަ އަދިރިކޮށްދޭ މެލަނިން މަދުކޮށްލައި ހަންގަނޑުގެ ކުލަ އަލިކޮށްދިނީއެވެ.

މިއޮތީ އެކަން ހިނގި ގޮތެވެ! ކައިރި އިރުމަތިން ހިޖުރަކުރި ދަނޑުވެރިން ޔޫރަޕްގެ އަސްލު ރަށްވެހިންކަމަށްވާ ބަބުރުންނާ ގުޅިގެން ދަރިން ހޯދައި އާއިލާތައް ބިނާކުރިއެވެ.

SLC24A5 ޖީން އަކީ، ހަންގަނޑުގެ ކުލަ، 25 ޕަސެންޓާއި 40 ޕަސެންޓާއި ދެމެދަށް އަލިކޮށްދޭ ޖީނެކެވެ. މިމީޙުންގެ ދަރިންނާއި ކާފަދަރިންތައް ގިނަވެގެން ދިއުމުން، ދެކުނު ޔޫރަޕާއި މެދުތެރޭ ޔޫރަޕްގައި ވަރަށް އަވަހަށް މިމީހުން ފެތުރިގެން ދިޔައެވެ.

ފަހުން ގާތްގަނޑަކަށް 5،800 އަހަރު ކުރިން މީގެ ދެވަނަ ވައްތަރުގެ ޖީން ކަމަށްވާ SLC45A2 ޖީން، މީހުންގެ ހަށިގަނޑަށް ވާސިލުވުމުން އެމީހުންގެ ހަންގަނޑު އިތުރަށް ހުދުވެގެން ދިޔައީއެވެ.

އިތުރު އެހެން ކަމެއްވެސް މި ދިރާސާވެރިން ފާހަގަ ކުރެއެވެ.

ސްވިޑެންގައި މޮޓަލާގެ 7،700 އަހަރުވެފައިވާ ކަށިތަކުން ދައްކާ ގޮތުގައި އެހިސާބުގެ ބައެއް ޝިކާރަވެރިންގެ ހަށިގަނޑުން މި ދެ ޖީން ފެނިފައި ވެއެވެ. އަދި އިތުރު އެހެން ޖީނެއްވެސް އެމީހުންގެ ހަށިގަނޑުން ފެނިފައި ވެއެވެ. އެއީ،ލޮލުގެ ކަޅި ނޫކުލައިގައި ބަހައްޓައިދޭ ޖީނެވެ.

މި ދިރާސާ ތައްޔާރުކުރި ސައިންސްވެރިން ބުނަނީ މިމީހުންނަށް މި ތިން ޖީންވެސް ލިބިފައިވާ ކަމަށް ބެލެވެނީ، އިރުމަތީ އޭޝިއާގެ މީހުންގެ ފުށުންނެވެ. އަދި މިއިން ދައްކައި ދެނީ އެހިސާބުން އެޒަމާނުގައިވެސް ދެކޮޅަށްވެސް ދަތުރުތައް ކޮށް އުޅުނުކަމެވެ.

މީގެ 5،800 އަހަރު ކުރިން ދަނޑުވެރިން ޔޫރަޕްގެ އެކި ހިސާބުގައި ފެތުރެމުން ދިއުމުގެ ސަބަބުން މި ދެޖީން ފެތުރެމުން ގޮސް މުޅި ކޮންޓިނެންޓްގެ އާބާދީގައި ފެތުރިފައިވާ ޖީންތަކަކަށް ވެގެން ދިޔައެވެ.

މަޞްދަރު: އެމެރިކަން އެސޯސިއޭޝަން އޮފް ފިޒިކަލް އެންތްރޮޕޮލޮޖިސްޓުންގެ 84 ވަނަ އަހަރީ ބައްދަލުވުމުގައި ހުށަހަޅާފައިވާ، ބަޔޯއާރކްސިވްގައި ޝާއިޢުކޮށްފައިވާ ރިޕޯޓުން.