ރަމަޟާންމަހުގެ ފުރަތަމަ 7 ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ މިންވަރު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކުރައްވައިފިއެވެ.

ސްޓެލްކޯއިން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާލެސަރައްދުގައި ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ކާއި ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވެ، ހެނދުނު 6 އިން 9 ޖެހުމާއި ހަމައަށް އެއްހަމައެއްގައި މަތިވަމުންގޮސް، ހެނދުނު 9 ން ފެށިގެން މެންދުރު 1 ކާއި ހަމައަށް، އެ ގަޑިތަކަކީ ހޫނު ގަދަވަމުންދާ ގަޑިތަކަކަށްވުމުގެ އިތުރުން، އެއީ އޮފީސް ގަޑިއަށްވުމާއެކު ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މީގެއިތުރުން ސްޓެލްކޯއިން ވިދާޅުވީ މެންދުރު 1 ކާއި ހަވީރު 5 ކާއި ދެމެދު، ހޫނުވުމުގެ އިތުރުން، ރޯދަމަހުގެ މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށް ވާތީ ކަރަންޓު ބޭނުންކުރާ މިންވަރު މި ގަޑިތަކުގައި އިތުރު ކަމަށެވެ.

އަދި ހަވީރު 5 ން ފެށިގެން ރޭގަނޑު 7 ޖެހުމާއި ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކަމަށް ފާހަގަ ކުރެވުނު ނަމަވެސް، އޭގެ ފަހުން ދަންވަރު 12 ޖެހުމާއި ހަމައަށް މެންދުރުގެ ލޯޑާއި އެއްވަރެއްގައި ކަރަންޓު ބޭނުން ކުރަމުންދާކަން އެ ކުންފުންޏަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާ ގަޑިތަކުގައި ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން މާލެސަރައްދުގައި ހުކުރު ދުވަހު ކަރަންޓު ބޭނުން ކުރެވިފައިވާ މިންވަރު ހާމަކުރައްވާ ސްޓެލްކޯއިން ރޭ އެކްސްގައި ހިއްސާ ކުރި އިތުރު ޕޯސްޓެއްގައި އެކުންފުނިން ވިދާޅުވެފައިވަނީ އެ ދުވަހަކީ އޮފީސްތައް ބަންދު ދުވަހަކަށްވުމާއި ކަރަންޓު ބޭނުންކުރި މިންވަރު ބުރާސްފަތި ދުވަހަށްވުރެ ދަށްވެފައި ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުގެ އެންމެ ޕީކް ގަޑީގައި ބޭނުންކޮށްފައިވަނީ 90 މެގަވޮޓްގެ ކަރަންޓު ކަމުގައިވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރަމަޟާން މަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދިނުމަށް ރައީސް ނިއްމަވާފައެވެ.

އެގޮތުން ސްޓެލްކޯއިން ވަނީ ކަރަންޓު ބިލުން ދިހަ ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށް ވިދާޅުވެފައެެވެ. މިދިޔަ އަހަރުވެސް ރަމަޟާން މަހުގެ ބިލުތަކުން ޑިސްކައުންޓް ދީފައި ވެއެވެ.