އަތުތެރެއަށް ދެމުނު ޔުއާނާއަށް ބަލާލުމާއެކު އަޒިކިޔަލްއަށް އުޅެވުނުގޮތެއް ވެސް ނޭނގުނެވެ. އަވަސްއަވަހަށް އެއްޗެހި ބަދަލުކުރުމާއެކު އަޒިކިޔަލް ޔުއާނާ ގެންދިޔައީ އެމްބިޔުލާންސްގައެވެ. އެ މޫނުގައިވި ހުދުކަން އަޒިކިޔަލް ބިރުގަންނުވާލައިފިއެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކުރިތާ ދެ ތިންގަޑިއިރުގެ ތެރޭގައި ޔުއާނާގެ އާއިލާ މީހުން ޖަމާވެ އޭނާ ބާއްވާފައި އޮތް ކުޑަ ކޮޓަރި ހަލަބޮލިވެއްޖެއެވެ. އެހެން އެއް ވެސް ކަމެއްގެ މަތީން ހަނދާން ނެތް އަޒިކިޔަލްއަށް ޔުއާނާގެ ޚަބަރު ސަބާނާމެންނަށް ފޯރުކޮށްދެން އެނގުނީ ޔުމްނާގެ ފޯނުކޯލުންނެވެ.

މާބޮޑުކަމެއް ނުވާކަމުގެ ޔަގީންކަން އަޒިކިޔަލް ދިން ނަމަވެސް އެންމެން ވެސް ތިބީ ކަންބޮޑުވުމެއްގައެވެ. އެއްފަރާތެއްގައި ކޮޅަށް ހުރި އަޒިކިޔަލްގެ ނަޒަރު ފުން ނިންޖެއްގައި އޮތް ޔުއާނާއިން ހިނދުކޮޅަކަށް ވެސް ނުނެއްޓެއެވެ. އައިވީއެއް ގުޅާފައި އޮތް ޔުއާނާގެ ޓެސްޓުތަކުގެ ނަތީޖާ ލިބުން ލަސްވެ އޭނާގެ ހިތް ވީ ކެތްމަދުވެފައެވެ. އަނެެއްކޮޅުން ޔުއާނާ ހޭވެރިކަންވާއިރު އެންމެ ކައިރީގައި ހުންނަން އޭނާ ބޭނުންވެއެވެ. ހިތް އެދޭ އެކަހެރިކަން ޔުއާނާއާއެކު ލިބޭ ގޮތް ނުވުމުން އަޒިކިޔަލްގެ ހިތް ވަނީ މާޔޫސްވެފައެވެ.

"އައްކި" ދެ ލޯ ތަގުޅިކޮށްލުމާއެކު އެސްފިޔަ އަވަސްއަވަހަށް އެސްފިޔަ ޖަހަމުންދިޔަ ޔުއާނާގެ ދުލުން ބޭރުވިއެވެ. ކައިރިއަށްޖެހިލި ސަބާނާ ޔުއާނާގެ އަތުގައި ހިފަހައްޓާލި ނަމަވެސް ލޯ ނުހުޅުވި އޮތް ޔުއާނާގެ ދުލުން ތަކުރާރުވީ އަޒިކިޔަލްގެ ނަމެވެ.

ދެފަރާތާށް ފޭވާން އުޅުނު ތުންފަތުގެ ހަރަކާތް ގަދަކަމުން ހުއްޓުވަމުން އަޒިކިޔަލް ކައިރިވެލީ ހިތް އެކަަމަށް އެދި ގޮވާވަރުންނެވެ. ޔުއާނާގެ އައިވީ ގުޅާފައި އޮތް އަތުގައި ފަރުވާތެރިކަމާއެކު ހިފާލަމުން އަޒިކިޔަލް ގުދުވެލާ އޭނާއަށް ގޮވާލިއެވެ.

އެ ވަގުތު އެތެރެއަށް ވަދެގެން އައި ނަރުސް ކުއްޖާ އެދުނީ ބަލިމީހާގެ އެހީތެރިޔެއް އަވަހަށް އައިސްދިނުމަށެވެ. ޔުއާނާގެ މޫނަށް ބަލާލުމަށްފަހު ނަރުސް ކުއްޖާގެ ފަހަތުން ދިއުމަށް ހިންދެމިލި އަޒިކިޔަލްއަށް ހުއްޓެވުނީ ސަބާނާ ނަރުސް ކުއްޖާއާއެކު ނިކުމެ ދޮރު ލެއްޕުމުންނެވެ.

ސިހުން ވެރިވެފައިހުރި އަޒިކިޔަލްއަށް އެކަމާމެދު ވިސްނާނެ ފުރުސަތެއް ނުލިބުނީ ޔުއާނާ ލޯ ހުޅުވާލުމާއެކު ތެދުވަން އުޅުމުންނެވެ. ވަށައިގެން ބަލާލުމާއެކު ވާނުވާ ނޭނގި އިން ޔުއާނާއަށް އަޒިކިޔަލްގެ މޫނަށް ބަލާލެވުނެވެ.

"އާނާ. މިހާރު ރަނގަޅުތަ؟" ބޯޖަހާލުމާއެކު ޔުއާނާގެ ކައިރިއަށް ޔުމްނާގެ އިތުރުން އެވަގުތު ކޮޓަރީގައި ތިބި އަޔާޝްމެން ވެސް ކައިިރިވެއްޖެއެވެ.

އެ ވަގުތު ކޮޓަރިއަށް ވަދެގެން އައި އަޝަލްގެ އިތުރުން ޔޫނުސްއަށް ބަލާލުމާއެކު އަޒިކިޔަލްއަށް ތުންފިއްތާލެވުނެވެ. މީހުން މަދުވާން ހިތް އެދުނު ވަރަކަށް ކޮޓަރި ފުރެނީއެވެ.

"އާނާ.. އޯކޭތަ؟" ކަންބޮޑުވުން ފާޅުކުރަމުން އެނދާ ކައިރިވި އަޝަލްއަށް ޖަވާބުދިނުމުގެ ބަދަލުގައި ޔުއާނާ ލޯމެރީއެވެ. އޭރު ވެސް ޔުއާނާގެ އެއް އަތް ވީ އަޒިކިޔަލްގެ އަތުތެރޭގައެވެ. އެއްމިޔަކަނުން ހިނިތުންވެލުމާއެކު އަޒިކިޔަލް އިސްޖަހާލީއެވެ.

ކޮޓަރިއަށް ވެރިވެފައިވި ހިމޭންކަން ނަގާލީ ރިޕޯޓުތައް ހިފައިގެން ވަދެގެން އައި ސަބާނާގެ އަޑުންނެވެ. އެނދު ކައިރީގައި ތިބި މީހުން ޖާގަ ދެއްކުމާއެކު ސަބާނާ ކައިރިވެލަމުން ޔުއާނާގެ އަތުގައި ހިފާލާ ހިނިތުންވެލީ އައިވީ ހުސްވުމާއެކު ގެއަށް ދާންވީ ކަމުގައި އިއުލާންކުރަމުންނެވެ.

ޔުއާނާގެ ޞިއްޙަތާ ބެހޭގޮތުން އިތުރު ތަފްސީލެއް ނުދިން ނަމަވެސް މަންމަގެ މިޒާޖުން ތަފާތެއް ޔުއާނާއަށް އިހްސާސްކުރެވުނެވެ. މަންމަގެ ދެ ލޮލުން ފެނުނު ސިއްރުވެރިކަން ޔުއާނާގެ ނަފްސު ނުތަނަވަސް ކުރުވައިފިއެވެ.

އަސުރު ވަގުތު ވެގެން އައި އިރު އައިވީ ހުސްވާން ވަރަށް ގާތްވެއްޖެއެވެ. އެކަކު ވެސް ޔުއާނާގެ ކައިރިން ދުރަށް ނުގޮސް ތިބިއިރު އެކަމުން އޭނާއަށްވީ އުނދަގުލެވެ. އަނެއްކޮޅުން މަންމައާއި އަޝަލްގެ ސިއްރުވެރި އޮލަ ވާހަކައިން އޭނާއަށް އިތުރު ތަކުލީފެއް ނޫނީ ނުލިބުނެވެ. އަތުގައި ހިފިގޮތަށް ކައިރީގައި އިން އަޒިކިޔަލްގެ ހިތަށް ވެސް އެކަމުން ތުރާލެއް ވާކަން ޔަގީނެވެ.

އަސުރު ބަންގިއަށް ހުރިހާ ފިރިހެންވެރީން މިސްކިތަށް ދިޔައިރު ޔުމްނާ ވެސް އެމީހުނާއެކު ނިކުތީ ގޭގައި ކުރަންޖެހޭ ބައެއް ކަންކަން ހުރުމުންނެވެ. އޭރު ކޮޓަރީގައި ސަބާނާއާއެކު ޔުއާނާ އެކަނިވެއްޖެއެވެ. ރިޕޯޓު ހިފައިގެން އައިސް އެއިން އަތްދޫކޮށްނުލައި އިން ސަބާނާގެ ނަޒަރު ޔުއާނާއަށް ހުއްޓުމާއެކު އޭނާގެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅިލައިފިއެވެ.

ނަމާދުން ފައިބައިގެން އަޒިކިޔަލް އަވަސްއަވަހަށް އެނބުރި ހޮސްޕިޓަލަށް އައި އިރު ގެއަށް އެނބުރި ދިއުމުގެ ހުރިހާ ތައްޔާރީއެއްވެ ނިމިއްޖެއެވެ. އޭނާ ފެނުމާއެކު ޔުއާނާ ހިނިތުންވެލައި ކައިރިއަށް ޖެހި އަތުގައި ހިފާލައިފިއެވެ.

"މަންމާ. އެހަކަށް އަޒިކިޔަލްއާއެކީ ވައި ޖައްސާލަން ތާކު ތިބެލާފަ ގެއަށް ދާނީ. މަންމަމެން ދޭ އިނގޭ" އިސްއުފުލާ އަޒިކިޔަލްގެ މޫނަށް ބަލަހައްޓައިގެން ހުރިގޮތަށްހުރެ ޔުއާނާ ބުނެލިގޮތުން އަޒިކިޔަލްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

ހިމޭން ނަޒަރަކުން އެ ދެމީހުންނަށް ބަލަހައްޓައިގެން ހުރި ސަބާނާއަށް ބަލާލާ ޔުއާނާ ބޯޖަހާލިގޮތުން އަޒިކިޔަލްއަށް އުނދަގުލެއްވިއެވެ. މީގެ ކުރީން އޭނާއަށް އުނދަގޫކުރަމުންދިޔަ ޚިޔާލުތައް އައިސް އަނެއްކާ ވެސް އޭނާގެ ސިކުނޑި ހިސޯރުކޮށްފިއެވެ.

އަތުން ދޫކޮށްލުމެއްނެތި ހޮސްޕިޓަލުން ނިކުތްގޮތަށް މަޑު ހިނގުމެއްގައި ދެމީހުން ހިނގާފައި ދިޔައިރު ޔުއާނާގެ ނަޒަރު އިރުކޮޅަކާ އަޒިކިޔަލްއަށް ހުއްޓެއެވެ. އެ ދެ ލޮލުން ފާޅުވާ ލޯބިން އަޒިކިޔަލްގެ ހިތް ފުރި އަރާއިރު އެއިން ކޮންމެ ފަހަރަކު ދެމެދުގައި ބަދަލުކުރެވޭ ހިނިތުންވުން ބަސްމޮށުންތެރިކަމަކަށް ބޭނުމެއްނުވެއެވެ. މަންޒިލާއި ހަމައަށް ވާސިލް ވެވެންދެން ވެސް ފެންނަ ފެނުމަށް ދެމީހުންގެ ދެމެދަށް ވެރިވެފައިވި ހިމޭންކަން ތަސައްލީއަކަށް ފުދެއެވެ.

"ޖޫގޯ ބޯނަންތަ؟" ކުއްލިއަކަށް ހުއްޓުމާއެކު ކައިރިން ފެނުނު ތަނެއް ދައްކާލަމުން އަޒިކިޔަލް ބުނެލިއެވެ. ބުމަ އަރުވާލުމާއެކު ޔުއާނާއަށް ހެވުނީއެވެ.

"އާނ ބޯންވާނެއްނު. ހިނގާ އަވަހަށް" އަޒިކިޔަލްގެ ކުރީން ހިނގައިގަންނަމުން ޔުއާނާގެ އޭނާގެ އަތަށް ދަމާލިގޮތުން އަޒިކިޔަލްގެ ކައިރިއަށް ވެސް ހިނި އަތުވެއްޖެއެވެ.

ޖޫގޯ ގަނެގެން ދެމީހުން ޖައްސާލީ އެތަނާ ކައިރީގައި ޖަހާފައިހުރި ޖޯލިތަކުން ޖޯއްޔެއްގައެވެ. ހަވީރުގެ ފިނިހިޔަލުގައި މީހުންތައް ހޭލަމޭލައަށް އުޅޭ އެވަގުތު ރަށުތެރެއަށް ފޮރުވިފައިވި އެ ތަނުގައި އަޒިކިޔަލްއާއި ޔުއާނާ ތިބީ ހިނިތުންވުންތަކުން ފުރިފައިވި ޖައްވެއްގައެވެ.

"އެއްޗެކޭ ބުނަން ބޭނުންވެފަހެން ހާދަ ހީވެއޭ." ޔުއާނާގެ ބެލުން ތަފާތުހެން ހީވެ އަޒިކިޔަލްއަށް އަހާލެވުނެވެ. ގެއްލިފައި އިންހެން ބަލަހައްޓައިގެން އިން ޔުއާނާ ލުއި ހިނިތުންވުމަކާއެކު ބޯ ހޫރާލީއެވެ.

"ހަނދާންތަކެއް އާވާތީވެ ބެލެނީ." ދުރަށް ނަޒަރު ހުއްޓާލަމުން ޔުއާނާ ބުނެލީ އަޒިކިޔަލްގެ ކޮނޑުގައި ބޯއަޅަމުންނެވެ.

މުޅި އުމުރަށް އެ މޫނަށް ގެއްލި އިނދެވޭނެ ނަމައޭ އެ ވަގުތު ޔުއާނާގެ ހިތަށް އެރީ ހާސްވަނަ ފަހަރުއެވެ. އެ ލޯބީގެ ފިޔަފަތް ދަށުން އޭނާގެ ހިތް ވީއްލެން ދުވަހެއްގެ ކޮޅުން ވެސް އެ ހިތެއް ނޭދެއެވެ.

އަޝްބާމެންގެ ގޭ ދޮރުގައި ޓަކިޖަހަމުންދިޔަ ޔަޒާއަށް ގޭ މަގަށް އެޅި ޔުއާނާމެން ފެނުމާއެކު ތަޅުނުލާހުރި ބޭރު ދޮރު ހުޅުވާލުމާއެކު އަވަސްއަވަހަށް އެތެރެއަށް ދެމިގަނެއްޖެއެވެ. ފަހަތުން ދޮރު ލައްޕާލުމާއެކު އޭނާގެ އެ ހަރަކާތާމެދު އަމިއްލައަށް ވެސް ހިތުގައި ސުވާލު އުފެދިއްޖެއެވެ.

ބޯ ހޫރާލުމާއެކު ގޭތެރެއަށް ވަދެގެން އައި ޔަޒާ ފެނުމާއެކު ސިޓިންރޫމުގައި ހިންދީ ޑްރާމާއެއް އަޅުވައިގެން އިން ރުޤްބާ ބަލާލީ ފާޑަކަށެވެ. ނަމަވެސް އަޝްބާ ކޮބައިތޯ އެހުމާއެކު ކުރިމަތީން ފެންނަން ހުރި ކޮޓަރީގެ ދޮރަށް ނިކަން އަވަހަށް އިޝާރާތްކޮށްލައިފިއެވެ.

އަވަސް ހިނގުމެއްގައި ގޮސް ޔަޒާ ދޮރުގައި ޓަކިޖަހަންފެށިތާ ފަސް މިނެޓް ހިނގި އިރު ވެސް އަޝްބާ ދޮރެއް ނުހުޅުވިއެވެ. އެންމެފަހުން ޔަޒާގެ އެދުމަށް ތަޅުދަނޑިފަތި ބަަލައި ދިއުމަށް ރުޤްބާ ތެދުވުމާއެކު ތަޅުހުޅުވި އަޑު އިވިއްޖެއެވެ. ލަސްނުކޮށް ދޮރުހުޅުވާ ވަތް ޔަޒާއަށް ފުރަތަމަ ޖެހުނީ ކޮޓަރި އަލިކުރާށެވެ. އަނދިރިކަން ވެރިވެފައިވި ކޮޓަރިއަށް އަލިކަން ވެރިވުމާއެކު ޔަޒާގެ ދެ ލޯ ތަރަތަރަޖަހައިގެންދިޔައެވެ.

އެއްކަމެއް ނުކުރިޔަސް އަޝްބާއަކީ އަމިއްލަ ކޮޓަރި ތަރުތީބުން ސާފުކޮށް ބާއްވާ ކުއްޖެކެވެ. އެހެނަސް ކުރިމަތީން ފެންނަން އޮތް ކޮޓަރިއެކޭ ބަންޑުންޖަހާފައި އޮތް މުދާ ބޯއްޓެކޭ އެއްވަރެވެ.

ހައިރާންކަމާއެކު އެނދުގައި އިށީނދެ އިން އަޝްބާއަށް ބަލާލި ޔަޒާގެ ދެ ލޯ އިތުރަށް ބޮޑުވީ އަޝްބާގެ މޫނު ފެނުމުންނެވެ. ލޯ ކައިރި ކަޅުވެފައިވާއިރު މޫނުމަތި ތެޔޮވެފައި ހުރި ގޮތުން އެއީ އަޝްބާކަން ގަބޫލުކުރަން ވެސް ދައްޗެވެ. އެހާވަރަށް ހަންގަނޑަށް ސަމާލުކަންދޭ ކުއްޖަކަށް މިވަރުވީއިރު އޭނާއަށް ވެސް އެކަން ރެއަކާނުލީއެވެ.

"އަޝް.." ދެރަވި ނަމަވެސް އެކަން ދެއްކުމެއްނެތި ކައިރިއަށް ޖެހިލަން އުޅުނު ޔަޒާއަށް ހުއްޓެވުނީ އަޝްބާ ބުނެލި ޖުމްލައިންނެވެ.

"ތި އައީ އަހަރެން އެނބުރި އެތަނަށް ދާން އެއްބަސްވާނެކަމަށް ވިއްޔާ ވަގުތު ބޭކާރުނުކޮށް ދޭ" ތުންފިއްތާލުމާއެކު ޔަޒާއަށް އަޝްބާގެ މޫނަށް ބަލާލެވުނެވެ.

އޭނާއާއެކު ކިޔެވުން ފުރިހަމަކުރަން ބޭރަށް ފުރަން އެދި އާދޭސްކުރެވިއްޖެއެވެ. އިތުރަށް ހަދާނެގޮތެއް ހަމަ އެއްގޮތަކަށް ވެސް އޭނާއަކަށް ނުވިސްނުނެވެ.

"އެއީ ތެދެއް. އަޝްބާއެއް އެތާކަށް ނުދާނެ" އެ ވަގުތު ދޮރުމައްޗަށްއެރި ރުޤްބާގެ ޖުމްލައިން ޔަޒާއަށް ދަތްކުނޑި ވިކާލެވިއްޖެއެވެ.

"ކީއްވެ ދައްތާ؟" މަޑުމައިތިރިކަމާއެކު ޔަޒާ ބުނެލިއިރު ރުޤްބާގެ ދެ ލޮލާއި ހަތަރުކަޅި ހަމަވި ދެ ލޮލުން ފާޅުވީ ޝަކުވާއެވެ.

"ދަރީންނަށް އެންމެ ރަނގަޅު ގޮތް އެނގޭނީ މައިންބަފައިންނަށް. ދައްތަ ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ އަޝްބާދެކެ ވާ ލޯބީގެ ސަބަބުން" ރުޤްބާގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް ޔަޒާގެ އަޑު ގުގުމާލައިފިއެވެ.

"ލޯތްބަކީ ތިމާ ލޯބިވާ މީހާގެ ދިރިއުޅުމުގަ ހުޅުޖެހުންތަ؟ އެ ދިރިއުޅުން ކުރިއަށްދިޔަނުދީ ބަނގުރޫޓުކޮށްލުންތަ؟ ދައްތަ ބުނެބަލަ..." ކުރިއަށް ޖެހިލުމާއެކު އަޝްބާއަށް އިޝާރާތްކުރަމުން ޔަޒާ ބުނެލިއެވެ.

"ތި ވަނީ ލޯތްބެއް ނޫން. ތިއަށް ދެވޭނީ އެހެން ނަމެއް. ލޯތްބަކީ ބަރުބާދީއެއްނޫން." މަޑުމޮޅިކަމާއެކު ޔަޒާ ޖުމްލަ ނިންމާލިއިރު ރުޤްބާގެ ދެ ބުމަ ކައިރިވެއްޖެއެވެ.