ނޭޕާލްގެ ކުރީގެ ރަސްގެފާނު ގިޔާނޭންދްރާ ޝާހް، ޕޮޚާރާގައި ހުންނެވުމަށްފަހު ޗާޓަރު ފްލައިޓެއްގައި މިއަދު ކަޓްމަންޑޫއަށް ވަޑައިގަތުމުން އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ ރަސްގެފާނަށާއި ރަސްކަން އަނބުރައި ގެނައުމަށް ތާއީދުކޮށް މުޒާހަރާ ކޮށްފިއެވެ.

ކުރީގެ ރަސްގެފާނަށް މަރުހަބާ ކިޔުން އިންތިޒާމު ކުރީ، ރާސްޓްރިޔާ ޕްރަޖަޓަންޓްރާ ޕާޓީ (އާރުޕީޕީ) އާއި ރަސްކަމަށް ތާއީދުކުރާ ޖަމިއްޔާތަކުގެ ސަޕޯޓަރުން ވެގެންނެވެ.

ރާސްޓްރިއާ ޕްރަޖަޓަންޓްރާ ޕާޓީ (އާރުޕީޕީ) އަކީ އަބަދުވެސް ރަސްކަމަށް ތާއީދުކުރާ ޕާޓީއެކެވެ. ކުރީގެ ރަސްގެފާނު ވެރިރަށް ކަޓްމަންޑޫއަށް އެނބުރި ވަޑައިގަތުމުން އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ މެދުގައި ވަރިގަދަ ފޯރިއެއް އުފެދިފައި ވެއެވެ.

ނޭޕާލްގެ ބޮޑު ވަޒީރު އޯލީ ޝަރުމާ ވަނީ ރަސްގެފާނަށް ކެރިވަޑައިގަންނަވަނީނަމަ އިންތިޚާބެއްގައި ބައިވެރިވެ ވަޑައިގަތުމަށް ގޮން ޖައްސަވާފައެވެ.

ނޭޕާލުން ރަސްކަން ވައްޓާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.

ނޭޕާލަކީ، 30.55 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. އެ ގައުމުގެ ހިންދޫ މީހުންގެ އާބާދީއަކީ 81.19 ޕަސެންޓެވެ.