ކެތްތެރިކަމުގެ މަގަކީ ދީނުގައި ސާބިތުވެ ދެމިތިބެވޭނެ މަގުކަމަށާއި ކެތްތެރިންގެ ވާހަކަތައް އަބަދާއި އަބަދު ކިޔައި އިބްރަތް ހާސިލްކުރަންޖެހޭ ކަމަށް އައްޝައިހް އަހުމަދު ސަމީރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިހު ސަމީރު މިހެން ވިދާޅުވީ، ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ ފޯރަމްތަކުގެ ތެރެއިން ރޭ މާލޭގައި ބޭއްވި 3 ވަނަ އިހްޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

މި ފޯރަމްގައި "އިސްލާމްދީން މަތީ ޘާބިތުވާށެވެ!" މި މައުޟޫއަށް ތަގްރީރުކުރައްވާ ޝައިހު ސަމީރު އިތުރަށް ވިދާޅުވީ އިސްލާމްކަން މަތީގައި އަބަދުވެސް ދެމިތިބޭތޯ ދުއާކުރަންޖެހޭކަމަށާއި އިސްލާމް ދީނާމެދު އެކިއެކި ޝުބުހާތައް ފަތުރާއިރު ގިނަގިނައިން ދުއާކުރަންވީ މި ނިއުމަތުގެ މަތީގައި ސާބިތުވެ ދެމިތިބޭތޯކަމަށެވެ.

އަދި އަހަރެމެންގެ ހިތް އިސްލާމް ދީނުގެ މަތީގައި ދަމަހައްޓަވާ ސާބިތުކަން ދެއްވުމަށް އެދި ދުއާކުރަންޖެހޭކަމަށް ކަމަށް ވިދާޅުވެ ހިތަކީ ވަރަށް އަވަހަށް ފުރޮޅޭ އެއްޗެއްކަންވެސް ޝައިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ހިތް އިސްލާހު ވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު އިސްލާހުވެގެންދާކަމަށާއި އަދި ހިތް ފަސާދަވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު ފަސާދަވެގެން ދާކަމަށްވެސް ޝައިހު ސަމީރުގެ ތަގުރީރުގައި ވަނީ ވިދާޅުވެފައެވެ.

މި ރަމަޟާންމަހު އިސްލާމިކް މިނިސްޓްރީން މާލޭގައި ޖުމްލަ 8 އިހްޔާ ފޯރަމް ބޭއްވުމަށް ނިންމަވާފައިވާއިރު މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތް ރަށެއްގައި މި ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ.