އަނެއްކާވެސް ޓަކި ޖަަހައިފިއެވެ. “މި އަންނަނީ- މަޑުކުރޭ… ކުޑައިރުކޮޅެއް…”

އޭނާ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. އެ ވަގުތު ބޭރުން އިވުނީ މަންމަގެ އަޑެވެ. “ކަލޭގެ އިރުކޮޅަކީ ކިތައް ގަޑިއިރުތަ-؟ ދޮރު ހުޅުވޭނީ ކިހާ އިރަކުންތަ-؟”

އޭނާ ދޮރު ހުޅުވައިލިއެވެ. “ސާބަހޭ މަންމާ- ދޮރު ވައްޓައިނުލިޔަސް ހުޅުވާނަމެއްނު-؟ އަހަރެން ކުޑަދޮރުން ނުކުމެގެން ދަނީތަ-؟”

މަންމަ ކުޑަދޮރާ ދިމާއަށް ބަަލައިލިއެވެ. އޭރު އެ ދޮރު ހުރީ ހުޅުވައިފިއެވެ. މަންމަ ގޮސް ކުޑަދޮރުން ބޭރު ބަލައިލިއެވެ. އެ ދޮރުގައި ހުރީ ދަނގަޑު ޖާއްޔެއްވެސް ލައްވައިފައެވެ. މީހަކު ބޭނުން ވިޔަސް އެ ކުޑަދޮރަކުން އެތެރެއަކަށް ނުވަދެވޭނެއެވެ. އަދި ބޭރަކަށްވެސް ނުނުކުމެވޭނެއެވެ. އެކަމަކު ކުޑަދޮރު ކައިރިއަށް އައިސް ވާހަކަ ދެއްކިދާނެއެވެ. އިރުއޮއްސޭން ކައިރި ވެފައި ވުމާއެކު އޮތީ ކުޑަކޮށް އަނދިރި ވެފައެވެ. އެހެންވީމާ މާ ދުރެއް ނުފެނެއެވެ.

މަންމަ އެނބުރި ފީރޯޒާއާ ދިމާއަށް ބަލައިލިއެވެ. “ދޮރު ނުހުޅުވާ ލަސްކުރީ އޭނާއަށް ފިލައިގެން ދެވެންދެން ދޯ-؟”

“ދަރިންނަށް އެހައި އިތުބާރު ކުޑަ ކުރާކަށް ނުވާނެ- ކެތް ނުކުރެވޭ ވަރަށް ހަރުކަށި ވީމާ ދަރިން ނުލަފާ ވެދާނެ-“

“ހަޔާތް ކެނޑުނީމާ ނުލަފާ ވާކަށް ލަހެއް ނުވާނެ- ސީދާ ތެދަށް ބުނޭ- އޭނާ ކުޑަދޮރު ކައިރިއަށް އައިތަ-؟ އަހަރެން އައީމާ ފޮނުވައިލީތަ-؟”

“މަންމަ ތިޔަ ވާހަކަ ދައްކާ ގޮތުން ހީވަނީ މަންމަވެސް އަހަރެންގެ އުމުރުގައި އެކަހަލަ ކަންތައް ކޮށް އުޅުނީހެން-“

މަންމަ އޭނާގެ ކަންކަށިމަތީގައި އެތިފަހަރެއް ޖަހައިފިއެވެ. “ލަދު ހަޔާތްކުޑަ- މުސްކުޅިވީ ދުވަހު މަންމަގެ ބޮލުގައި ގޮތްކުޑަ އިލްޒާމު އަޅުވަނީތަ-؟”

“ރަނގަޅު އަންހެން ދަރިއަކު މައެއްގެ ބޮލުގައި ނުބައި އިލްޒާމެއް ނާޅުވާނެ- އަހަރެން ހަމައެކަނި ކެރޭކަން ދައްކައިލީ-“

“މާނައަކީ ކަލޭ އަދި ތިޔަށްވުރެވެސް ނުލަފާ ވާނަމޭތަ-؟ ހަޔާތް ކުޑަ ވާނަމޭތަ-؟”

“އަހަރެން ބުނެފީމެއްނު-؟ ކެތް ނުކުރެވޭ ވަރަށް ހަރުކަށި ވެގެން ނުވާނެއޭ-“

މަންމަ ރުޅި އައިސް ފުފިގެން ހުރެ ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ. އެކަމަކު ދޮރުމަތީގައި ހުއްޓި ހުރެ ކުއްލިއަކަށް ކޮޓަރި ތެރެއަށް ބަލައިލިއެވެ. ކޮޓަރި ތެރޭގައި ހުރި އިރު އޭނާގެ ލޮލުގައި އަޅައިގަތް އެއްޗަކާ ދިމާއަށް ބަލައިލިއެވެ. އަލަމާރީގެ ދޮރު ހުރީ ލެއްޕިފައެވެ. އެކަމަކު އަލަމާރި ތެރޭގައި ހުރި އަންނައުނުގެ ތެރެއިން ހެދުމެއްގެ ތަންކޮޅެއް ބޭރަށް ނުކުމެފައި ހުއްޓެވެ.

މަންމަ އެ ދިމާއަށް ބަލައިލީމާ ފީރޯޒާވެސް ބަލައިލިއެވެ. އަދި އަވަސް އަވަށް ގޮސް އެ ހެދުން އެތެރެކޮށްލިއެވެ. އަދި އަލަމާރީގެ ދެ ދޮރުފަތްވެސް ތަންމިނަށް ހުޅުވައިލިއެވެ. “ދުރުގައި ހުރެގެން ބަލަނީ ކީއްކުރަން-؟ ކައިރިއަށް އައިސް ބަލައިލާ- ޝައްކު ފިލާނީ އޭރުން- އަހަރެން ކަންފަތްމަތީގައި އަނެއް އެތިފަހަރު ޖަހާނޭ ސަބަބެއް ފެނިދާނެ-“

އަލަމާރި އެހެރީ ހުޅުވާފައެވެ. އޭގެ ތެރެއަކުން އެއްވެސް އެއްޗެއް ނުފެނެއެވެ.

މަންމަ ފުން ނޭވައެއް ލިއެވެ. “އަހަރެން ވިހެއީ ކަލެއެއް ނޫން- ކަލޭ ވިހެއީ އަހަރެން- އަހަންނަށް ވިިހެވިފައި މިހިރީ ފިސާރި އަންހެނެއް- އަލަމާރި ލައްޕާ-“

މަންމަ ކޮޓަރިން ނުކުމެއްޖެއެވެ. ނުކުމެގެން ދިޔަ އިރު ހިތާހިތާ ކިޔަމުން ދިޔައެވެ. “އަލަމާރީގައި ކޮންމެވެސް އެއްޗެއް އެބައޮތްކަން ގައިމެވެ. އޭނާގެ މޫނުމަތީން ފެންނަ ބިރުގެ އަސަރަކީ ވައްކަމެއް ކޮށްފައި ފޮރުވާން އުޅޭ މީހެއްގެ މޫނުމަތީން ފެންނަ އަސަރެވެ. ފާސްކޮށްގެން ވަކި ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ފޮރުވައިގެން އެ ގެންގުޅެނީ އަކްބަރުގެ ސިޓީއެއް ނުވަތަ ހަދިޔާއެއް ކަމަށް ވެދާނެއެވެ. އެ ސިޓީއާއި ހަދިޔާ ޖަހައިގަނެގެން އޭނާ ކަތި މަގުން ސަލާމަތް ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ތަޅައި އަނިޔާ ކުރުމަކުންވެސް ވާނޭ ކަމެއް ނޯންނާނެއެވެ.”

އޭނާ ފިރިހެން ދަރިފުޅުގެ ކޮޓަރީއާ ހަމައަށް އައިސް ހުއްޓިއްޖެއެވެ. ހިނދުކޮޅަކު ވިސްނައިލުމަށް ފަހު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. މާ ގިނަ އިރުތަކެއް ނުވެ ދޮރު ހުޅުވިއްޖެއެވެ. ސަލްމާއަށް އޭނާގެ މައިދައިތަ ފެނުނީމާ ބުނެލިއެވެ. “މަންމާ- އާދޭ.. އެތެރެއަށް ވަދޭ…”

މަންމަ ތަންކޮޅެއް ހަރުކަށި ރާގަކަށް ބުނެލިއެވެ. “ނޫނޭ ދަރިފުޅާ- އަހަރެންގެ އުނަގަނޑުގައި އެބަ ރިއްސާ- އެހެންވީމާ ކޮޓަރިއަށް ނުވަދެ މިތާނގައި ހުރެގެން ކުރަން އުޅޭ ސުވާލު ކޮށްލާނީ- ދަރިފުޅުގެ ގޭ މީހުން ފީރޯޒާގެ ކާވެންޏަށް އެދެން އަންނާނީ ކޮން ދުވަހަކު-؟”

ސަލްމާ ހިނިތުންވެލިއެވެ. “އެހައި އަވަސް އަރުލައިލައިގެން އުޅެނީ ކީއްކުރަން-؟ ފީރޯޒާ ފިލައިގެން ދާން އުޅެނީއެއް ނޫނެއްނު-؟”

“ތަހުޒީބާއި އަބުރުވެރިކަން ގެއަކުން ފިލައިގެން ދިޔައީމާ ދެން ދާން އޮންނާނީ އެ ގެއެއްގައި އުޅޭ މުސްކުޅިންގެ ފުރާނަ- އަހަރެމެން ދެ މުސްކުޅިން ދާދި އަވަހަށް މަރުވެދާނެ-“

“ވަރަށް ދެރަ ވެއްޖެ- ރަނގަޅު ގޮތް މެދުވެރި ކުރައްވާތޯ ދުޢާ ކުރާނަން…”

“ދުޢާ ކުރާނެ ކަމެއް ނެތް- ބޭސް ފަރުވާ ހޯދާ… އެވަރުން ވާނެ-“

ބައްޕަމެން ގޮވައިގެން އަންނާށޭ އަހަރެން އަކްބަރު ގާތު ބުނިން- ދާދި ދެންމެއަކު އޭނާ ފޯނު ކުރި- ބުނީ ބައްޕަ ވީ ދަނޑަށް ގޮހޭ- މަންމައަށް އެނގޭނެ- އަހަރެމެންގެ ދަނޑުބިން އޮންނަނީ އެތައް މޭލަކަށް ފެތުރިފައި- އެހެންވީމާ ދަނޑަށް ހިނގައެްޖެއްޔާ އާދެވޭނީ ދެތިން މަސް ދުވަހުން-“

މަންމަ މާޔޫސީއާއެކު އޭނާޔާ ދިމާއަށް ބަލައިލިއެވެ. “ގެއިން އެހެން ހަރު މީހަކު ގޮވައިގެން ކަލޭގެ މަންމައަކަށް ނާދެވޭނެތަ-؟”

“މަންމަގެ ތިޔަ ވާހަކަ އަހަރެން ގޭ މީހުން ގާތު ބުނާނަން- އަންހެން ކުދިން ގަންނަ އިރު ބައްޕަގެ ރުހުން ހޯދުމަކީ އަހަރެމެންގެ އާއިލާގެ އާދައެއް-“

“ވިޔާނުދާ ވާހަކަ ނުދައްކާ ސަލްމާ-! އަހަރެމެން މިއީ އަބުރުވެރިން- ދަރިން ވިއްކާ ބައެއް ނޫން- އަހަރެމެން ދަރިންގެ ކާވެނި ކުރުވަނީ- ކަލެއަކީވެސް އަހަރެމެން ގަނެގެން ގެނައި ކުއްޖެއް ނޫން- އިއްޒަތާއެކު ކާވެނި ކުރުވައިގެން ގެނައީ-“

އިއްޒަތާއެކު އަހަރެން ގެނެވުނީ އިއްޒަތެއް އޮތީމައެއްނު-؟ އިއްޒަތެއް އަބުރެއް ނެތް މީހެއްގެ ކަންތައް އޮންނާނީ ކިހިނެއް-؟”

އޭނާގެ ހިތުގައި މީހަކު ބާރަށް ޖެހީ ކަހަލައެވެ. ކުއްލިއަކަށް ގުދުވެލިއެވެ. މޭގައި އަތް އަޅައިލިއެވެ. އަދި އިސްޖަހައިލައިގެން ހުރެ ކުރިއަށް ހިނގައިގެންފިއެވެ. ދިޔަ މަގުމަތީގައި އަންހެން ދަރިފުޅުގެ ކޮޓަރިއާ އަރައި ހަމަވެފައި ހުއްޓިއްޖެއެވެ. އަދި އެ ކޮޓަރީގެ ދޮރުފަތުގައި ބޯ ޖައްސާލައިގެން ހުރެ ރޯން ފަށައިފިއެވެ.

* * *

އެންމެ ފުރަތަމަ ދޮރެއް އީޖާދު ކުރީ ކާކު، ކީއްކުރަން ކަމެއް ނޭނގެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ރޯން ބޯ ޖައްސައިލައިގެން އޮންނާން އެންމެ ފުރަތަމަ ދޮރެއް ލެއްވީ ޖަހަންނަަމައިގައެވެ.

ބުއްދި ގަބޫލު ކުރާ ގޮތުގައި އެންމެ ފުރަތަމަ އުފެއްދެވީ ލަދު ހަޔާތުގެ ދޮރެވެ. އެ ދޮރު ލެއްވީ އާދަމުގެފާނާއި ޙައްވާގެފާނާ ދެމެދުގައެވެ. އެ ދޮރު ލެއްޕިފައި ހުރިހައި ދުވަހަކު އާދަމުގެފާނާއި ޙައްވާގެފާނު ދިރިއުޅުއްވީ އަރާމާއި އުފަލުގައެވެ. ހިނިފުޅުވެޑުވުމުގައެވެ. އެ ދޮރު ހުޅުވުމާއެކު ކީރިތިކުރެއްވުމުގެ ދުވަސް އަތުވެއްޖެއެވެ. އާދަމުގެފާނުގެ ހަޔާތްޕުޅަކު އޭގެ ކުރިއަކުން ކަރުނައެއް ނެތެވެ.

ދުނިޔެ ހެއްދެވީއްސުރެ މިހައިތަނަށް އެއްވެސް މީހަކު ދަރިއަކަށްޓަކައި މަޔަކު އޮހޮރާ ވަރަކަށް ކަރުނައެއް ނުއޮހޮރުވައެވެ. އޭނާ ދޮރުމަތީގައި ހުރެގެން އަޑުންއަޑު ނަގައި ރޮމުން ކިޔަމުން ދިޔައެވެ. “އޭ އަހަރެންގެ މޮޔަ ދަރިފުޅާ… މި މަންމަގެ ބޯ ކުދިކުދި ކޮށްލާން ވީތަ-؟ ކާވެނީގެ ކުރީން ފިރިހެނެއްގެ އަތު ޖެހިއްޖެ އަންހެން ދަރިއަކީ ލޫޓުވޭ މުދަލަކަށް ވެގެންދާކަން ކަލޭމެން މޮޔަ ދަރިންނަށް ނުވިސްނެނީ ކީއްވެގެން-؟ ކުނި ކާ އެއްޗެހި ދެވަނަ ފަހަރަށް ކެއްކިޔަސް ތާޒާ ކާނާއަކަށް ނުވާނެ- ގަހުން ބިނދެލެވޭ މަލެއް އަނެއްކާ ތަނޑުގައި އިންދުމަކީ ކުރެވޭނޭ ކަމެއް ނޫން- މިވަރުގެ ކަމެއްވެސް ކަލޭމެން ކުދިންނަށް ނޭނގެނީ ކީއްވެގެން-؟ ދަރިފުޅަށް ވިސްނައިދޭނޭ ގޮތެއް މި މަންމައަކަށް އެއްގޮތަކަށްވެސް ނުވިސްނޭ- މަންމަ ދެން ހަދާނީ ކިހިނެއް-؟

އޭނާ ދޮރުމަތީގައި ހުރެގެން ރޮމުން ގޮސް އެންމެ ފަހުން ތަޅަންމަތީގައި އިށީނދެއްޖެއެވެ.

އެ ވަގުތު ޖަވާދު އައިސް ގެއަށް ވަދެއްޖެއެވެ. މަންމަ އިން ގޮތް ފެނިފައި އޭނާ ދުވެފައި އަތުވެއްޖެއެވެ. އަދި މަންމަގެ ކައިރިއަށް ގުދުވެފައި އަހައިލިއެވެ. “މަންމާ- ކިހިނެއްވީ-؟ މި ކޮޓަރި ދޮށުގައި އިނދެގެން ރޮނީ ކީއްވެގެން-؟”

ސަލްމާ ކައިރިއަށް އައިސް ބުންޏެވެ. “މަންމަ މޮޔަވީ- ހަމަ މިއަދު އަހަރެމެން ގެއިން ކާވެނީގެ ވާހަކަ ދައްކާން ބަޔަކު އަންނާން ވާނެއޭ ކިޔަން ފެށީ- އަހަރެން މަންމައަށް ވިސްނައި ދެވޭތޯ ލައްކަ މަސައްކަތް ކޮށްފިން- ބައްޕަ ވީ ދަނޑަށް ގޮސް- ބައްޕަ އައުމާއެކު ވާހަކަ ދައްކާނީއޭ ބުނިން- އެކަމަކު މަންމައަކަށް ވިސްނޭ ގޮތެއް ނުވި- އެއްކޮޅުން އަހަންނާ ދިމާއަށް ބަވަނީ- އަނެއްކޮޅުން ފީރޯޒާއަށް އެވަރު ކޮށްފި- އެންމެ ފަހުން އައިސް އެ އިނީ އެ ފަކީރުގެ ކޮޓަރީގެ ދޮރުމަތީގައި-“

ޖަވާދު ކުޑަކޮށް ނުރުހުން ވެފައި ބުނެލިއެވެ. “މަންމާ- ތިޔައީ ދެން ކޮން ކަމެއް-؟ ތިޔަހެން ހެދީމާ މުޅި ހިސާބުގަނޑުގައި އަހަރެމެން ބަދުނާމުވާނީއެއްނު-؟”

މަންމަ ތެދުވެއްޖެއެވެ. “ދަރިފުޅާ- މަންމަ މި ބުނަނީ ތެދަށް- މަންމައަށް އިތުބާރު ކުރޭ- މީގެ އިރުކޮޅެއް ކުރީން ދަރިފުޅުގެ އަނބިމީހާ ދަރިފުޅުގެ ކޮއްކޮއާ ބެހޭ ގޮތުން ދެއްކި ވާހަކައަކީ ކޮއްކޮގެ އިއްޒަތް ވެއްޔާ މޮޑެލާނޭ ވާހަކައެއް- ކޮއްކޮ ވިއްކާލުމުގެ ވާހަކަ މީނާ ދެއްކީ ހަމަ ދެންމެ-“

ފީރޯޒާ ދޮރު ހުޅުވައިލާފައި ނުކުމެއްޖެއެވެ. “މަންމާ- އަހަރެން މި ހުންނަނީ އަޑު އަހަން- މަންމަ ތިޔަ ބުނި ކަހަލަ ވާހަކައެއް ފަހަރި ދެއްކި އަޑެއް އަހަންނެއް ނާހަން-“

މަންމަ ބުންޏެވެ. “ކަލޭ އިނީ ކޮޓަރީގައި- މިއީ ވަރަށް ޗާލާކު އަންހެނެއް- އޭނާ ދެއްކިހައި ވަހަކައެއް ކަލެއަކަށް އަޑެއް ނީވޭނެ-“

ޖަވާދު ބުންޏެވެ. “މަންމާ- ފީރޯޒާ ދެކެ ސަލްމާ ލޯބި ވާވަރު މަންމައަށް ވަރަށް ރަނގަޅަށް އެނގޭނެ- އޭނާގެ އިޚުތިޔާރުގައި އޮތް ކަމެއް ނަމަ ހަަމަ މިހާރު ފީރޯޒާގެ ކާވެނި ކޮށް ދިނީސް- މަންމަ ފިލްމުތަކުގައި އެ ދައްކާ ކަހަލަ މައިދައިތައަކަށް ވާން އުޅެނީ ކީއްވެގެން-؟”

“ގޮތްކުޑަ-! އަހަރެން މައިދައިތައަކަށް ވާނީ އެންމެ ފުރަތަމަ އަހަރެން މިއީ މައެއް ކަމަށް ކަލޭ ބެލީމައެއްނު-؟ ކަލޭ، ކަލޭގެ މަންމައަށް ކުރީ ކޮން ގަދަރެއް-؟ ކަލެއަކީ އެއްވެސް ކަހަލަ ޣީރަތްތެރިކަމެއް ހުރި މީހެއް ނަމަ، ކަލޭގެ ކޮއްކޮގެ ކުށް ފޮރުވޭތޯ އުޅޭނެ- އަކްބަރު ގެނެސް ހަމަ މިހާރުއެ ދެމީހުން ދެވާނެ- ކުށުގެ މަތީގައި ދެމި ތިބޭކަށް ދޫކޮށެއް ނުލާނެ-“

“މަންމަ ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް-؟ އޭނާގެ ބައްޕަ ވީ ދަނޑު…”

މަންމަ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. “ދަނޑު ޖަހަންނަމައަށް ދިޔަދީ- ކަލޭ ބޭނުމިއްޔާ ހަމަ މިހާރުވެސް އޭނާ ގެނެވިދާނެ-“

“އަހަރެން ކިހިނެއް ގެންނާނީ-؟”

“އޭނާއާ ގުޅޭނޭ ނަންބަރެއް ހޯދައިގެން ގުޅާ- ގުޅާފައި ބުނޭ އަކްބަރު ކަލޭގެ އަންހެން ކޮއްކޮގެ އަބުރު ނަގާލައިފިއޭ- އެހެންވީމާ މިއަދު އިރު އޮއްސުމުގެ ކުރިން އޭނާޔާ އިންނާށޭ-“

“އަހަރެން ހަމަ ބުނާ އިރަށް އޭނާ އައިސް ކާވެނި ކުރުވާނެތަ-؟”

“އަންނާން ދެކޮޅު ހަދައިފިއްޔާ ބުނޭ އެ ދެ މީހުންގެ ކާވެނި ނުކުރުވައިފިއްޔާ އަކްބަރުގެ ދައްތަ ވަރި ކޮށްފައި ގެއަށް ފޮނުވައިލާނަމޭ-“

ސަލްމާ ރުޅި އައިސް ފުފިގެންފިއެވެ. “ހިތުގައި އޮތް އެއްޗެއް އަދި ކިރިޔާ އެ ބުނީ- ހުރިހައި ދެކޮޅުވެރިކަމެއް މި އޮތީ އަހަންނާ- ކަލޭގެ މަންމަ އެ އުޅެނީ އަހަރެން މިގެއިން ނެރެލަން- އަހަރެން ފޮނުވައިލާ- މަންމަގެ ހިތަށް ފިނިކަމެއް ލިބޭނީ އޭރުން- އަހަރެން މި ގެއިން ފޮނުވައިލިޔަސް އަހަރެން ފީރޯޒާ އަހަރެންގެ ފަހަރިއަކަށް ހަދާނަން- އަހަރެން ދެކޭ ގޮތުގައި އެއީ އަހަރެންގެ ފިރިމީހާގެ ކޮއްކޮއެއް ނޫން- އެއީ އަހަރެން ފުރާނަ ފަދައިން ލޯބިވާ އަހަރެންގެ އެކުވެރިއެއް- ސީދާ އަހަރެންގެ ކޮއްކޮއެއް-“

ފީރޯޒާގެ ހިތް ފުރިގެން ބަންޑުން ވެއްޖެއެވެ. ސަލްމާ އެހެރީ ޚުދު އޭނާގެ ކާވެނި ރޫޅުނަސް ފީރޯޒާގެ ގެ އާބާދު ކޮށްދޭން ތައްޔާރަށެވެ. ހެޔޮ އެކުވެރިންގެ ގޮތަކީ އެއީއެވެ. އޭނާ މަޑުމަޑުން ގޮސް ސަލްމާގެ ގައިގައި އޮޅުލައިގެންފިއެވެ. “އަހަރެން ފަހަރިއަށް އެއްވެސް ކަހަލަ ދެރައެއް ލިބުނަ ނުދޭނަން- މަންމަ މިހާރު އެހެރީއަކީ ހަމަހެޔަކުއެއް ނޫން- ފަހަރި ތިޔަ ދައްކަނީ ގެ އާބާދު ކުރުމުގެ ވާހަކަ- މަންމަ އެ ދައްކަނީ ފަނާ ކުރުމުގެ ވާހަކަ-“

މަންމަ ޖަވާދާ ސުވާލު ކޮށްލިއެވެ. “އޭނާ އެ ބުނަނީ އަހަރެން މިހިރީ ހަމަހެޔަކު ނޫނޭ- ކަލެއަށް ފެންނަނީ ކިހިނެއް-؟”

“މަންމާ- މި ވަގުތު މަންމަގެ ވާހަކަ އިވޭ އެއްވެސް މީހަކު ނުބުނާނެ މަންމަ ތިޔަ ހުރީ ރަނގަޅު ހާލަތެއްގައޭ-“

މަންމަ ހތާމަޔާއެކު އޭނާގެ ފިރިހެން ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. ދަރިފުޅުގެ ކާވެނި ރޫޅައިލުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. އޭނާ ދެއްކި ވާހަައެއް ދެއްކީ އަންހެން ދަރިފުޅުގެ އަބުރު ރައްކާތެރި ކުރުުމުގެ ޚިޔާލު ފިރިހެން ދަރިފުޅުގެ ބޮލަށް ވެއްދުމުގެ ގޮތުން ދެއްކި ވާހަކައެކެވެ.

(ނުނިމޭ)