ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަމަށް ވިދާޅުވިއެވެ. ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރު "ޓުގެދަރ ވީ ތްރައިވް" އަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ޝިއާރެއްކަމަށެވެ. ހަމަނުޖެހުމާއި، ނާއިންސާފުގެ ހިޔަނި މި ދުނިޔެއަށް އެޅިފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، މިފަދަ އުނދަގޫ ވަގުތެއްގައި ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި، މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތުގެ ބުރަދަން ދެނެ ތިބެ، އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ގޮވާލައްވާފައެވެ.

ދިވެހިރާއްޖެ ފަދަ ކުދި ދައުލަތްތަކުގެ ޙައްޤުގައި އަޑުއުފުލައި، މޫސުމީ ވިލުންތެރިކަމާއި، މާލީ ވަސީލަތްތަކަށް ފުރުސަތު ފަހިކުރުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުން ފަދަ، ހާއއްސަކޮށް ކުދި ދައުލަތްތަކުގެ މަސްލަހަތު ހުރި ކަންކަމުގައި ކޮމަންވެލްތުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރައްވާކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ހައްގުތަކާއި، ހެޔޮ ވެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ މަގުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނުގެ މެސެޖުގައި ދެއްވާފައިވެއެވެ.

މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ކޮމަންވެލްތުން އެއްބައިވަންތަކަމާއި އެއްބާރުލުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދިން ބައްދަލުވުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި އެ ބައްދަލުވުމުގެ ނަތީޖާ، ޢަމަލީގޮތުން ދެއްކުމަށް، އެކުގައި މަސައްކަތްކުރުން ލާޒިމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ކޮމަންވެލްތާއި މެންބަރު ގައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށް ވިދާޅުވަމުންނެވެ.