ޖަރުމަނުގެ ދިހަ އެއާޕޯޓެއްގައި 24 ގަޑިއިރު ހަޅުތާލެއް ޖެއްސުމުން 5 ލައްކަ ފަސިންޖަރުންނަށް އަސަރުކޮށްފިއެވެ. ފްރެންކްފަރޓް، މިއުނިކް، ބާލިން، ޑުސެލްޑޯފް، ބޮން/ކޮލޯން، ސްޓުޓްގާޓް، ލިޕްޒިގް، ބްރޭމަން އަދި ހެމްބާގްގެ އެއާޕޯޓްތަކުގައި 3،400 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލް ކޮށްފައެވެ.

މި ހަޅުތާލު ދިމާވެފައި ވަނީ ސްޕްރިންގެ ހޮލިޑޭ ދުވަސްވަރާ ދިމާކޮށެވެ.

ޖަރުމަނުގެ އެންމެ ބޮޑު އެއާޕޯޓް ފްރެންކްފަރޓްގައި ގާތްގަނޑަކަށް 150،000 ފަސިންޖަރުންގެ ދަތުރަށް ހުރަސް އެޅި، ޝެޑިއުލް ފްލައިޓްތައް ކެންސަލް ކޮށްފައި ވެއެވެ.

މި ހަޅުތާލު އިންތިޒާމު ކޮށްފައި ވަނީ ޓްރޭޑް ޔޫނިއަންތަކުންނެވެ.

ޔޫނިއަންތަކުން ޑިމާންޑް ކުރަމުންދަނީ މުސާރަ 8 ޕަސެންޓަށް އިތުރު ކޮށްދިނުމަށެވެ. އަދި ބާރު ބޮޑު ވަގުތުތަކުގައި ލިބޭ ބޯނަސް އިތުރު ކޮށްދިނުމަށާއި ޗުއްޓީއަށް 3 ދުވަސް ދިނުމަށެވެ.