މިހާތަނަށް މީހުން ޤަބޫލު ކުރަމުން އައިސްފައި ވަނީ ތުރުކީވިލާތުގެ އަރާރާތު ފަރުބަދައަށް ނޫހުގެފާނުގެ ނައުކޮޅު އުރިފައިވާ ކަމަށާއި އެ ފަރުބަދައިގައި ނައުކޮޅު އަދިވެސް އެބަ އޮތް ކަމަށެވެ. މި ފަރުބަދައަކީ އެހިސާބުގެ އެންމެ އުސްފަރުބަދައެވެ. ފަރުބަދައިގެ މިލްކުވެރިކަމަށް ތުރުކީއާއެކު އަރްމީނިއާއިންވެސް ދައުވާ ކުރެއެވެ. އަދި އަރްމީނިއާގެ ވެރިރަށް ޔަރަވަންއިން މި ފަރުބަދަ ބަލާލުމަށް ޚާއްސަ މޮނިއުމެންޓެއްވެސް ހަދާފައި ވެއެވެ.

ބައިނަލްއަޤްވާމީ ދިރާސާވެރިންގެ ޓީމަކުން ބުނާ ގޮތުގައި ނޫޙޫގެފާނުގެ ނައުކޮޅު އޮތީ އަރާރާތު ސަރަހައްދުގައެވެ. ނަމަވެސް ފަރުބަދައާ ދުރުގައެވެ.

ސއިންސްވެރިން ބުނަނީ، އަރާރާތު ފަރުބަދައިގެ ދެކުނުން 18 މޭލު ދުރުން އޮޑިއެއްގެ ބައްޓަމަށް ފެންނަ "ދުރުޕިނާރ ފޯމޭޝަން" އަކީ ނޫޙުގެފާނުގެ ނައުކޮޅު ކަމަށެވެ. އެއީ 534 ފޫޓުގެ ދިގު، ބަންޑުން ޖަހާފައިވާ އޮޑިއެއްގެ ބައްޓަމަށް ފެންނަ ސިފައެވެ.

އައު ޓެސްޓްތަކުން ދައްކާ ގޮތުގައި އެ ސަރަހައްދަކީ މީގެ 5000 އަހަރު ކުރިން ޠޫފާނެއް ލައިގަތް ސަރަހައްދެކެވެ. އަދި ޤުރުއާނުގައި ބަޔާންކޮށްފައިވާ ޠޫފާން އައިސްފައިވަނީ މި ސަރަހައްދަށް ކަމަށް ލަފާ ކުރެވެއެވެ.

އިސްތަންބޫލް ޓެކްނިކަލް ޔުނިވަސިޓީގެ ދިރާސާވެރިންގެ ހޯދުންތަކުން މި އުސް ސަރަހައްދުން ކަނޑުގެ ޖަނަވާރުންގެ ހިލައަށް ބަދަލުވެފައވާ ބައިތައްވެސް ފެނިފައި ވެއެވެ.

އިސްތަންބޫލް ޓެކްނިކަލް ޔުނިވާސިޓީގެ ދިރާސާވެރިން މިތަނުގައި ދިރާސާތައް ކުރަން ފަށާފައި ވަނީ 2021 އިން ފެށިގެންނެވެ.