ރާނީ ބޭގަމްއަކީ އުމުރުން 15 ރަބީޢުގެ ކުއްޖެކެވެ. ވަށައިގެން ހިނގާ ކަންކަމަށް އޭނާގެ މާބޮޑު ސަމާލު ކަމެއް ނުހުރެއެވެ. އޭނާގެ ޝައުގުވެރިކަމަކީ މޮބައިލުން ރީލްތައް ބެލުމެވެ. އެއް ފަހަރު ޓިކްޓޮކުންނެވެ. ފޫހިވީމަ އިންސަގްރާމާއި އެފްބީއަށް ހިޖުރަކޮށް ލައެވެ.

އޭނާގެ ބައްޕަ، އަބްސީއަށް މިކަމުން ކުރާނެ މާބޮޑު ގެއްލުމެއް ނެތެވެ. އެހެންވެސް އަބުސީ އުޅެނީ އެހެން ގެއެއްގައި އެހެން މީހަކާ އިނދެގެންނެވެ. ނަމަވެސް ނަމާދަށް ދާ މަގުމަތީގައި ކުދިންގެ ހާލު ބަލާލުމަށް އެ ގައަށް ވަދެލައެވެ.

ހަބީގަންޖްގެ ގާނާޝިޔާމްޕޫރުގެ މީހުންނަކީ އެއްބަޔަކު އަނެއް ބަޔަކަށް ދެކެފަރިތަ މީހުން އުޅޭ އަވަށެކެވެ. މި އަވަށުގެ މީހުން ސިއްސުވާލީ އަބްސީ ރޯދައަށް ހުރެ ހިންގާލި ޖަރީމާއިންނެވެ.

މެންދުރު 2:30 ހާއިރު އަބްސީ އޭނާގެ ކުދިންގެ މަންމަގެ ގެއަށް ޒިޔާރަތް ކުރިއެވެ. ރޯދައަށް ހުންނައިރު، އާއިލީ ކަންކަމުގައި އުޅުމުން ސަވާބުވެސް އިތުރުވެ، ފަތުގައި ލިޔެވޭ ހެޔޮކަންވެސް އިތުރުވާނެ ނޫން ހެއްޔެވެ؟

އެ ގެއަށް އައިއިރު އޭނާގެ އަންހެން ދަރިފުޅު މިއުޅެނީ ފޯނުގައެވެ. ރާނިޔާ އަކީ، ފޯނަށް ދެވި ހިފާފައި ހުންނަ ކުއްޖެކެވެ. ފޯނުގައި އުޅުން ފިޔަވައި، އޭނާއަށް ކުރާނެ ގަޔާވާ އެހެން ކަމެއް ނުފެނެއެވެ.

އަބްސީގެ ދަރިފުޅު ފޯނާ ކުޅެން ހުރިތަން ފެނުމުން އައީ ކުއްލި ރުޅިއެކެވެ. އިރު މެދުޖެހިފައި ފައިބައިގެން ދާއިރު، 30 ޑިގްރީ ހޫނުގައި ރޯދަ މަހެއްގައި، ހައިކަން މާބޮޑަށްވެސް އިހުސާސް ކުރެވޭނެ ނޫން ހެއްޔެވެ؟

ބަދިގެއަށް ގޮސް އެންމެ ތޫނު ވަޅިއެއް ހޯދާނެހައި ހޭވެރިކަމެއް އަބްސީގެ ހުއްޓެވެ. ދަރިފުޅުގެ ކަރަށާއި މެއަށާއި އެތައް ތަނަކަށް ވަޅި ހަރައި މަރާލީއެވެ.

ހަބީބްޖަންގުގެ އޮފިސަރު އިންޗާޖް އަބްދުﷲ އަލްމައުމޫނު ބުނީ ރާނީގެ ގަބުރު މިހާރު ޕޯސްޓްމޯޓަމް ހެދުމަށް ހަބީގަންޖް މޯޗަރީއަށް ފޮނުވާފައި ވާނެ ކަމަށެވެ.

އަބްސީއާއި އަބްސީގެ ކުރީގެ އަންހެނުން ކުއްޖާގެމަންމަ ޝާހިދާ ބޭގަމްވެސް ވަނީ ހައްޔަރުކޮށްފައެވެ.

ބަނގްލަދޭޝްގެ މަރުގެ ތަފާސްހިސާބަށް އިތުރުވި މަރެކެވެ. އެދުވަހުގެ މަރުގެ ތަފާސްހިސާބަށް މީޑިއާގައި އެހެން ނަންތަކެއްވެސް އިތުރު ވެފައިވެއެވެ. ހަބީބުﷲ ބާހަރު ކޮލެޖުގެ ވައިސް ޕްރިންސިޕަލް ސައިފުއްރަޙުމާން ބުއިއާން އަކީވެސް ލިސްޓަށް އިތުރުވި ނަމެކެވެ. އެ ކޮލެޖުގެ ދަރިވަރުން ބުނީ ސައިފުއްރަޙުމާނަކީ ކުރީ ސަރުކާރާ ގުޅުން ހުރި މީހެއް ކަމަށެވެ. އެހެންވެ، ކިޔަވާކުދިންގެ ބަޔަކު އޭނާއާ ދިމާކޮށް ގެއަށް ވަދެ އޭނާގެ ގަޔަށް ހަރައި މަރާލީ އެވެ. ސައިފުއްރަހުމާން ހުރީ ރޯދައަށެވެ. ވަޅިޖެހި މީހުންވެސް ތިބީ ރޯދައަށެވެ.

ހަބީބުގަންޖުގެ ރޭޕުގެ ތަފާސްހިސާބަށްވެސް ދެ އަދަދެއް އިތުރުވިއެވެ. އުމުރުން 6 އަހަރުގެ ކުއްޖަކު ރޭޕްކޮށްލީ ފުރާވަރަށް ނާރާ ދެކުއްޖަކު ވެގެންނެވެ.

ހަބީބުގަންޖުގެ އުމުރުން 35 އަހަރުގެ ޔުނިވާސިޓީ ޕްރޮފެސަރު މިނާރާ ޚާތޫނަކީވެސް ތަފާސްހިސާބަށް އިތުވި އަދަދެކެވެ. ވަޅި ހަރައިގެން އޭނާ މަރާލާފައި އޮތްވައި ފެނުނީ އޭނާގެ ގެއިންނެވެ. އެއީ ކުރީގެ ޖަމާއަތޭ އިސްލާމީގެ ލީޑަރެއްގެ އަންބެކެވެ. ޖަމާއަތޭ އިސްލާމީ އަކީ ޙަސީނާގެ ސަރުކާރަށް ތާއީދުކުރި ޕާޓީއެކެވެ.

ދަންނަބޭކަލެއް ކަމަށްވާ މައުލާނާ ނޫރުލްއިސްލާމް ފާރޫގީ ވެސް ވަނީ ތަފާސްހިސާބަކަށް ވެފައެވެ. ފުލުހުން ބުނީ އޭނާ މަރާލާފައި ވަނީ ސިޔާސީ ޚިޔާލު ތަފާތު ވުމެއްގައި ކަމަށެވެ.

ބަނގްލަދޭޝްގެ ވެރިކަން ބަދަލުވެއްޖެއެވެ. އެކަމަކު ޔޫނުސްއަށް އަދި މުޅިން ކޮންޓްރޯލު ލިބިފައެއް ނުވެއެވެ.