ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޕާކިސްތާނުން ކޮންމެ އަހަރަކުވެސް އައުރަތު މާޗް ބާއްވައެވެ. ކޮންމެ އަހަރަކުވެސް ފިރިހެނުންގެ ފަރާތުން ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ. މިއަހަރު، ޕާކިސްތާންގައި އަންހެނުން އެމީހުންގެ އަޑު އިއްވުމަށް ބާއްވާފައި ވަނީ ތަފާތު ވައްތަރުގެ އެއްވުމެކެވެ.

މިއަހަރުގެ އެއްވުމުގައި އިސް ދައުރެއް އަދާކުރީ، ހޯމް ބޭސްޑް ވިމެން ވޯކަރސް ފެޑެރޭޝަން އިންނެވެ. މިމީހުންގެ ހިނގާލުން އިންޒިމާމު ކޮށްފައި ވަނީ ސަރުކާރުގެ ފިޔަވަޅުތަކުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުން މީހުންގެ ސަމާލުކަމަށް ގެންނާށެވެ.

މެހެނަތުކާޝް އައުރަތު ގެ ނަމުން ބާއްވާފައިވާ ރެލީގައި ގޮވާލާފައި ވަނީ ސިންދު ޕްރޮވިންސްގެ ބިމާއި ފެނާއި ތިމާވެއްޓަށް ނުރައްކާވާ ކަމަށް ބުނާ ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅު ހެދުމަށް އަންހެނުން އަތުގުޅުވާލުމަށެވެ. މި ހިނގާލުން ބާއްވާފައި ވަނީ، ބޯއީ ސްކައުޓްސް އޮޑިޓޯރިއަމް އިން ފެށިގެން ޕާކިސްތާނުގެ އާޓްސް ކައުންސިލަށެވެ.

ބައިވެރިން ވަނީ ރަތް ދިދަ އުފުލާ، ސިންދުގެ ރައްޔިތުންނާއި ވަސީލަތްތަކަށް ސަރުކާރުގެ ފިޔަވަޅުތަކުން ގެއްލުންވާ ކަމަށް ބުނާ ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލުމަށް ގޮވާލާފައެވެ.

އެއްވުމުގައި ބައިވެރިވި އަންހެނުން ބުނެފައި ވަނީ، ސިންދުގެ ދަނޑުވެރިކަމާއި މުޖުތަމައުތަކަށް މުހިންމު ވަސީލަތެއް ކަމަށްވާ، އިންޑަސް ކޯރުގައި ސަރުކާރުން އިތުރު ހަ ނެރު ހެދުމަށް ނިންމާފައިވާތީ އެކަމަކީ، ޕަންޖާބަށް ފައިދާ ވިއަސް ސިންދަށް ގެންލުން ވާނެ މަޝްރޫއެއް ކަމަށެވެ.

އަދި މި މަޝްރޫއަކީ ވިޔަފާރި ވެރިންގެ މަސްލަހަތާއި ޕަންޖާބު ޕްރޮވިންސަށް ފައިދާހުރި މަޝްރޫއެއް ކަމަށްވާއިރު، ސިންދުގެ 4.9 މިލިއަން ހެކްޓަރުގެ ދަނޑުބިން ހަނަފަސް ވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށެވެ.

"އިންޑަސް ކޯރު ލޫޓުވަނީ ފެން ރައްކާކުރުމުގެ ނަމުގައި،" އަންހެނުންގެ ގޮވާލުންތަކުގައި ބުންޏެވެ.