ސޫދާންގެ ދާފޫރު ސަރަހައްދުގައި ނަސްލު ނައްތާލުމުގެ އަމަލު ހިންގާކަމަށް ތުހުމަތު ކުރެވޭ ބާޣީ ޖަމާއަތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އެހީތެރިވުން ހުއްޓުވުމަށް އެދި، ސޫދާން ސަރުކާރުން ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދައުވާއެއް ވައްދާފައެވެ.

ސޫދާނުން ބުނާ ގޮތުގައި ޔޫއޭއީން ބާޣީ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އަށް ފައިސާއާއި ހަތިޔާރާއި ސަޕޯޓް ދެމުން ގެންދެއެވެ. އަދި 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު ދާފޫރުގައި އެތައް ހާސް މީހުން މަރާލާއިވާ ފަރާތަކީ މި ބާޣީ ޖަމާއަތް ކަމަށެވެ.

ސޫދާނުން ބުނާ ގޮތުގައި އާރުއެސްއެފް އިން ވަނީ ހަމައެކަނި އެއް ސިޓީއެއްގައި 10،000 އާއި 15،000 އާ ދެމެދުގެ މީހުންގެ ޤަތުލުއާންމެއް ހިންގާފައވެ. ސޫދާނުން ބޭނުންވަނީ އައިސީޖޭގެ 15 ފަނޑިޔާރުން ޔޫއޭއީއާ ދެކޮޅަށް އަމުރެއް ނެރެ ދިނުމަށެވެ.

ޔޫއޭއީއަކީ ޔަމަނުގައިވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވުނު ފަރާތެކެވެ. ނަމަވެސް މިކަން ތުހުމަތުކުރުމަށް ވުރެން އިތުރު ކަމަކަށް ވެފައެއް ނުވެއެވެ.

ޔޫއޭއީން ބުނަނީ 2005 ވަނަ އަހަރު ނަސްލު ނައްތާލުމުގެ މުއާހަދާގައި ސޮއިކުރިއިރު އެ މުއާހަދާ ތަސްދީގުކޮށްފައި ނުވާނެ ކަމަށެވެ. އެހެންވެ ސޫދާންގެ ދައުވާގެ އަސަރެއް ޔޫއޭއީއަކަށް ނުކުރާނެ ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި މީގެ ކުރިން ޖޫރިސްޓުން ބުނެފައި ވަނީ، ހަނގުރާމައިގެ ޖަރީމާތައް ހިންގައި ވާގިވެރިވުމަކީ އެއިން ރެކެވޭނެ ކަމެއް ނޫން ކަމަށެވެ

ޔޫއޭއީން ބުނަނީ ސޫދާނުގެ މި ފިޔަވަޅަކީ އަމިއްލަ ސިފައިންގެ ގޯސްތައް ފޮރުވުމަށް ކުރާ އިޝްތިހާރުވުމުގެ އަމަލެއް ކަމަށެވެ.

ރެޕިޑް ފޯސްއަކީ ސޫދާންގެ ސިފައިންގެ ތެރޭން ބަޣާވާތް ކުރިބައެކެވެ.