މިއަދުން ފެށިގެން މާލެއާއިވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓާނީ މާލެ ސިޓީކައުންސިލުން ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މި މަސައްކަތް ކުރަމުންދިޔައީ ވެމްްކޯއިންނެވެ. އެހެންނަމަވެސް އެކުންފުންޏާއި މާލެ ސިޓީ ކައުންސިލާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން ސިޓީކައުންސިލުން އެކަންކުރަން ނިންމީއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ވިދާޅުވެފައިވަނީ ކުނިމެނޭޖު ކުރުމުގެ ގަވާއިދަށް އެންމެން ވެސް އަމަލުކުރުމަށެވެ. މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި ޚިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް ކުނި އުކާލެވެންދެން ރައްކާތެރިކަމާއެކު ބެހެއްޓުމަށް ވެސް ސިޓީކައުންސިލުން އެދިވަޑައިގެންފައިވެއެވެ. ކުނި މެނޭޖު ކުރުމުގެ ގަވާއިދަށް ހުރުމަތް ތެރިކޮށް ހިތުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކުނި މެނޭޖުކުރުމަކީ އެންމެހާ ބޭފުޅުންގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކި ގަވާއިދާ އެއްގޮތަށް ކުނި ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެެސް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ. ކުނިމެނޭޖް ކުރުމުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ގަވާޢިދާ އެއްގޮތަށް އަމަލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.