ވެމްކޯއިން އެދުނަސް މާލެއާއި ވިލިމާލޭގެ މަގުމަތީގައި ކުނި ނުބަހައްޓަން މާލޭސިޓީގެ މޭޔަރު ޑރ. މުހަމައްދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެއާއި ވިލިމާލޭގެ އާންމުތަންތަނާއި މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ވިދާޅުވީ ގެއާއި ގޯތީގައި ކުނި ބަހައްޓާނޭ ޖާގަނެތިގެން ވެސް މަގުމަތީގައި ކުނި ބަހައްޓަން ވެމްކޯއިން އެދުނަސް ބަހައްޓާތަނުން އެ ނެގުމަށް ވެމްކޯއަށް އަންގަންޖެހޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "މަގުމަތީގައި ހުންނަ ކުނިތައް ވެސް ސިޓީކައުންސިލުން ނަގާނޭ. އެ ކަމަކު އެއީ ވެމްކޯއިން ނަގަންޖެހޭ އެއްޗެއް. އެއީ އެމީހުންނަށް ރައްޔިތުން ފައިސާދީގެން ނަގުވާ އެއްޗެއް. ކައުންސިލުން އެ ނަގައިގެން ގޮސް ވެމްކޯ ސައިޓަށް ގެންގޮސް ގޭޓު ފައިސާގެ ގޮތުގައި އަނެއްކާ އެމީހުންނަށް ފައިސާ ދޭންޖެހޭ. މިއީ ހަމަޖެހޭ އުސޫލެއް ނޫން،" މޭޔަރު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންވީ މަގުމަތީގައި ކުނި ބެހެއްޓުމުގެ އާދަ ދޫކޮށްލަން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. ކައުންސިލަށް ރައްޔިތުން އެއްބާރުލުންދޭ ކަމަށްވާނަމަ މާލޭތެރޭގައި ކުނި ނުހުންނާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. މީގެ ކުރިން ވެސް މިފަދަކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން އައީ ލިބެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރެއިން ފެށިގެން މާލޭ ސިޓީކައުންސިލުން ވަނީ މާލެއާއި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތަށް ވިލިމާލެއިން ވަނީ 28 މުވައްޒަފުން ނަގައިފައެވެ. މާލެއިން ނަގައިފައިވަނީ 80 މުވައްޒަފުންނެވެ. އެހެންނަމަވެސް މާލެއަށް 120 މުވައްޒަފުން ބޭނުންވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެ އަދަދު ވަރަށް އަވަހަށް ހަމަކޮށް ފުލްޓީމާއެކު މަސައްކަތް އަދި ކުރިއަށްދާނޭ ކަމަށް ވެސް ވިދާޅުވިއެވެ..

މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސާފުކުރަމުންދާނީ 16 ޒޯނަކަށް ބަހާލައިގެން ކަމަށެވެ. ވިލިމާލެ ސާފުކުރުމުގެ މަސައކްތްކުރާނީ 4 ޒޯނަކަށް ބަހާލައިގެންނެވެ.