ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ކާމިޔާބު މަސައްކަތްތަކެއް ފާއިތުވި ހަތަރު އަހަރުތެރޭގައި ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދިވެހި މީޑިއާއަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އެމުއްދަތުގައި ވަނީ ކުރިން ގެއްލިފައިވާ ހަމަޖެހުން ވެސް ގެނެސްދެވިފައި ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތަކުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރު ދުވެލީގައި ސަރުކާރުން މިހާރުވެސް ކުރިއަށްގެންދަވާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފުބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 141 މަޝްރޫޢެއް ކުރިއަށްދާ ކަމަށާއި، ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމަށް 144 ރަށެއްގައި 313 ޖަނަރޭޓަރު ސެޓު ބެހެއްޓިފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ. އޭގެއިތުރުން 76 ރަށެއްގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 47 ރަށެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އިތުރު 36 ރަށެއްގައި އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގައި ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން 31 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތާއި، 7 ރަށެއްގެ ބިން އިތުރު ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އިތުރު 8 ރަށެއްގެ ބިން އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާލުވީ ސިއްހީދާއިރާއިން 31 މަޝްރޫޢެއްގެ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށެވެ. ރަށްރަށުގައި ހުރި ޓަރޝަރީ ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ އިތުރުން ޞިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީ ކުރުމަށް ތަފާތު 40 މަޝްރޫޢެއްގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ދަތުރުފަތުރުގެ ވިއުގައިން މުޅި ރާއްޖެ ގުޅައިލުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މާލެ ސިޓީގެ އިތުރުން ލ. އަތޮޅާއި، ފުވައްމުލައް ސިޓީއާއި، އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ތަޢާރުފުކޮށް، އެ ސަރަޙައްދުތަކުގެ ރައްޔިތުން އެ ޚިދުމަތުގެ މަންފާ ހޯދަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.