ހދ.ވައިކަރަމުރައިދޫ ފަރަށް ދޯންޏެއް އަރައިފިއެވެ. މި ދޯނިގައި ތިބީ ތިން މީހުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިންނެވެ.

މިދޯނި ފަރަށް އެރިކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ އިއްޔެ ރޭ 23:32 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ލޯންޗު އެސަރަހަށްދަށް ގޮސް އެ ދޯންޏަށް އެހީތެރިވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން ދޯންޏަށް ދިޔަވުން ކޮންޓްރޯލްކުރުމަށް ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިންނާއެކު ޕަންޕު ބޭނުންކޮށްގެން ދިޔަވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ދޯނީގެ ވެރިފަރާތުން ގެނައި ދޯންޏެއްގައި ކަފުޖަހައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަމާއެކު މި ދޯނި ވަނީ ރޭ ފަތިހު 05:05 ހާއިރު ހދ.ކުޅުދުއްފުށި ބަނދަރަށް ވައްދާފައެވެ. އަދި ދޯނީގައި ބޮޑުުވެފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.