މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ފުވައްމުލަކުގެ އަލައޮޅުތައް ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އަލަ އޮޅުތައް ބައްލަވާލެއްވީ އިއްޔެގެ ވަގުތެއްގައެވެ.

އޮޅުތައް ބައްލަވާ ލެއްވުމަށްފަހު އެމަނިކުފާނު ވަނީ ދަނޑުވެރިންނާ ވެސް ބައްދަލު ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ދަނޑުވެރިންނާ ދިމާވާ ދަތިތަކާ ބެހޭ ގޮތުން އެމީހުންގެ ޚިޔާލު ވެސް ހޯއްދެވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެވަނީ ފުވައްމުލަކު ސިޓީގައި ގާއިމު ކުރުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ބިންގައު ވެސް އަޅުއްވައި ދެއްވައިފައެވެ. މިއީ ރާއްޖޭގައި އަޅާ މިފަފަދަ ފުރަތަމަ ލެބެވެ. މިއީ ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާއި، ޔޫއެންޑީޕީ ގުޅިގެން އިމާރާތްކުރާ ތަނެކެވެ. މި ލެބްގައި ފަސް ތަހުލީލު ކުރެވޭނެއެވެ. އޭގެއިތުރުން ގަސްގަހަށް ޖެހޭ ބަލި ދެނެގަތުމާއި ގަހުގެ ޓިޝޫ ނަގައިގެން ކަލްޗަރކުރެވޭނެ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

އިމާރާތަށް ބޭނުންވާ ބިން ހަމަޖައްސައިދެއްވީ ފުވައްލައް ސިޓީ ކައުންސިލުންނެވެ. އެ ތަން އިމާރާތް ކުރުމަށް ބަޔަކު ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަރަށް އަވަހަށް އިއުލާން ވެސް ކުރާނެއެވެ.