ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރާ މިންނެތް މަސައްކަތްތައް ވަޒަންކުރައްވައި އެ މަރުކަޒުތަކުގެ ކުރިއެރުމަށް އެއްހަމައަކުން މަގުފަހިކޮށްދެއްވައި، އިތުބާރުހިފޭ ގޮތަށް އެ ތަންތައް ނަގަހައްޓަވައިދެއްވުމަކީ ބެލެނިވެރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމުގައި އެވިޑު ކޮލެޖުން ބުނެފިއެވެ.

އެކޮލެޖުން މިހެން ބުނެފައިވަނީ އެތަނުން ފަށަން ގަސްތުކުރާ ދެ ޕްރޮގްރާމެއް އިންސްޓަގުރާމްގައި އިޝްތިހާރުކުރި އިރު ޕްރޮގުރާމްގެ މުއްދަތާއި ލެވެލް ބަޔާންކުރުމުގައި ކުށް ލިޔެވިފައިވާތީ އެކަން އިސްލާހުކޮށް އޭގެ ރަނގަޅު ގޮތް އާންމުކޮށް އެންގުމަށް ޓަކައި ނެރުނު ބަޔާނެއްގައެވެ.

އެގޮތަށް ލިޔެވިފައިވާ ކުށް އެ ކޮލެޖުގެ ސަމާލުކަމަށް ރަސްމީކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންނެވި ކަމަށާއި އެކަން އެގޮތަށް ކުރެއްވީ ނޫސް ބަޔާނަކާއެކު ކަމަށް ވެސް އެވިޑުން ބުނެފައިވެއެވެ. "މިގޮތަށް އެމްކިޔުއޭއިން އަމަލުކުރެއްވުމުގެ ސަބަބުން، އިޝްތިހާރު ވަގުތުން އިސްލާހުކުރުމަށް އޮތް ފުރުސަތު މިކޮލެޖަށް ގެއްލިދިޔައެވެ. ހަމައެހެންމެ، ނުނިޔަތެއްގައި އިޝްތިހާރު ކުރި ކަމުގައި ދޭހަވާ ފަދަ ގޮތަކަށް ނޫސް ބަޔާން ނެރުއްވާފައިވާތީ ވެސް މިކޮލެޖުން ހިތާމަކުރަމެވެ." އެބަޔާނުގައި ވެއެވެ.

ކުށް އިސްލާހުކުރި ދެ ޕްރޮގްރާމް:

  1. އޭސީސީއޭ އެޕްލައިޑް ނޮލެޖް – މި ޕްރޮގުރާމްގެ މުއްދަތަކީ 1 އަހަރެވެ. ލެވެލްއަކީ 5 އެވެ.
  2. އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް – މި ޕްރޮގުރާމްގެ މުއްދަތަކީ 3 އަހަރެވެ. ލެވެލްއަކީ 7 އެވެ.

މި ދެ ޕްރޮގުރާމަކީ މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީގައި އެކްރެޑިޓްކޮށްފައިވާ ދެ ޕްރޮގުރާމް ކަމަށް ވެސް އެވިޑުން ބުންޏެވެ. އެ ދެ ޕްރޮގްރާމް އެ ކޮލެޖުން ހިންގުމަށް ހުއްދަދެއްވައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުން ވެސް އެވިޑު ކޮލެޖުން ވަނީ ހިއްސާ ކޮށްފައެވެ.

"މިޕްރޮގުރާމްތަކުގެ އިޝްތިހާރުގައި ކުށް ލިޔެވިފައިވަނީ އިޝްތިހާރު ނަކަލުކުރުމުގައި އޮޅުމަކުންނެވެ. އަދި ޝާއިޢުކުރި އިރު މިކަން ފާހަގަކުރެވިފައި ނުވާތީ މިކަމަށް ޓަކައި ނިހާޔަތަށް މާފަށް އެދެމެވެ."

އެބަޔާނުގައި ބުނެފައިވަނީ އެ ދެ ޕްރޮގްރާމް އެ ކޮލެޖުގައި މިހާރުވެސް ހިންގަމުންގެންދާފަދަ ގޮތަކަށް ބައެއް މީޑިއާތަކުގައި ލިޔެފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި އެ ކޮލެޖުގައި އެ ދެޕްރޮގްރާމް ހިންގަން ފަށާފައިނުވާ ކަންވެސް ބަޔާނުގައި ވެއެވެ.