އައު އަހަރާ ގުޅިގެން އައްޑޫ ސިތީގައި ޚާއްސަ އޮޕަރޭޝަނެއް މިރޭ ފުލުހުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މިއީ އައު އަހަރު ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތައް އުފާވެރިކަމާއި ރައްކާތެރި ކަމާއެކު ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ނުވަތަ ސެކިޔުރިޓީ ބަލަހައްޓައި ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި އައްޑޫސިޓީގެ ގަމާއި ހިތަދުއާ ދޭތެރޭގައި ފުލުހުންގެ ވީސީޕީތައް ވެސް ބެހެއްޓިފައިވެއެވެ. އޭގެ ބޭނުމަކީ ރައްކާތެރި ތަނެއްގެ ގޮތުގައި މަގުތައް ހަދައިދިނުމެވެ. އައްޑޫ ލިންކް ރޯޑު ބޭނުންކުރާ މީހުން ހެލްމެޓު އެޅުމަށާއި ވެހިކަލް ދުއްވާއިރު ލައިސަންސް ހިފައިގެން ދުއްވުމަށްވެސް ފުލުހުން އިލްތިމާސް ކުރެއްވިއެވެ.

"އައު އަހަރު ފާހަގަ ކުރުމަށްޓަކައި އައްޑޫސިޓީގެ އެކި ރަށްރަށުގައި އެކި ހަރަކާތްތައް ކުރިއަށް އެބަގެންދެވޭ. މި ހަރަކާތްތަކުގައި އުފަލާއެކީގައި ރައްޔިތުންނަށް ބައިވެރިވެވޭނޭ މަގު ތަނަވަސްކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މިދަނީ އައްޑޫސިޓީގެ އެކި ހިސާބުތަކުގެ މަގުތަކާއި ހަރަކާތްތައް ބާއްވާ ސަރަހައްދުތައް ޕެޓްރޯލްކޮށް ބަލަހައްޓަމުން،" ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ޓްރެފިކް އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތާތޯ ވެސް ބަލާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އައު އަހަރުގެ ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ގާނޫނާ ޚިލާފުކަންކަން ނުކޮށް ގާނޫނީއިމުގެ ތެރެއިން މި އުފަލުގައި ބައިވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިފަދަ އޮޕަރޭޝަނެއް ހިންގާއިރު ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ބޭނުންވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަން އައްޑޫސިޓީގެ ގުޅިފައިވާ ހުރިހާ އަވަށްތަކާއި ހުޅުދުއާއި މީދޫގައި ވެސް ކުރިއަށް ގެންދާނެއެވެ.