ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީއާ ދެމެދު ފަޅު ތެރެއަށް ކަޅުތެޔޮ އެޅިފައި ހުރެގެން ސާފު ކުރުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 09:10 އެހައިކަންހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަަށް ގެންދާ ކަމަށެެވެ.

މިކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ސަރަހައްދަަށް އެޅިފައިވާ ކަޅުތެޔޮ ނެގުމަށް ޖަޕާނުން ހަދިޔާ ކޯށްފައިވާ ބޫމިންގ ވެސް ބޭނުން ކުރަމުންދާ ކަމަށެވެ. އެމްޕީއެލް ސަރަހައްދުން ފެނިފައިވާ ކަޅުތެޔޮ ނިޔުޓްރޮލްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅިފައިވަނީ ކޮންތާކުން ކިހިނެއްކަމެއް އެމްއެންޑީއެފުން ވިދާޅެއް ނުވެއެވެ.