މާލޭސިޓީގައި ހުންނަ އަވަށްޓެރި އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދީ ޓުވީޓުކުރި އައްބާއްސާ އާދިލް ރިޒާގެ ބަންދުގައި ބަހައްޓަން އިތުރު ހަތް ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

އިންޑިއާ އެމްބަޒީގައި ހުޅުޖެހުމަށް ހިތްވަރުލިބޭ ގޮތަށް އޭނާ ޓުވީޓުކުރުމުން އެކަމަށް ވަރަށްގިނަ ފަރާތްތަކުން ވަނީ ފާޑުކިޔައިފައެވެ. އަދި މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލިއެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވަނީ ނިމިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އެފަހަރު ހައްޔަރު ކުރުމަށްފަހު އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ދިނީ ފަސް ދުވަހެވެ.

އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ބުނެ އޭނާ ޓުވީޓުކުރީ 2012 ވަނަ އަހަރުގެ ފެބުރުއަރީ 8 ވަނަ ދުވަހު ހިނގި ހަމަނުޖެހުމުގައި އައްޑޫސިޓީގެ ބައެއް ތަންތާގައި ރޯކުރީ އިންޑިއާގެ އޯޑަރަށް ކަމަށް ބުނެ އެކަމުގެ ބަދަލެއްގެ ގޮތުގައެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް ވަހީދާއި ރައީސް ޔާމީނުގެ ވެރިކަމުގައި ސީނިއަރ މަގާމުތަކެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ.