ރާއްޖޭގެ 33 ސްކޫލަކުން 117 ކެޑޭޓުން ބައިވެރިކޮށްގެން އެމްއެންޑީއެފުން ހިންގި ބާސްވަނަ ގައުމީ ކެޑޭޓު ކޭންޕް ނިންމާލައިފިއެވެ. މި ކޭންޕް ނިންމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ ހަވީރު ގިރިފުށީގައެވެ.

މި ކޭންޕުގައި މާލޭގެ 13 ސްކޫލަކާއި އަތޮޅުތަކުގެ 20 ސްކޫލަކުން ކެޑޭޓުން ބައިވެރިވެފައިވެއެވެ. އެ ސްކޫލްތަކުން ބައިވެރިވި 117 ކެޑޭޓުންތެ ތެރޭގައި 60 ފިރިހެން ކެޑޭޓުންނާއި 57 އަންހެން ކެޑޭޓުން ހިމެނެއެވެ.

ކިޔަވައިދިން މާއްދާތަކުން އެންމެ މޮޅު ދަރިވަރު:

- ކޯޕްރަލް އަޙްމަދު ފާލިޙް ޢަބްދުލް މުޙުސިން (މައިކް ޕްލެޓޫން)

އެންމެ މޮޅު ފިރިހެން ދަރިވަރު:

- ކޯޕްރަލް އަމްޖަދު ޚާލިސް ޝަރީފް (މައިކް ޕްލެޓޫން)

އެންމެ މޮޅު އަންހެން ދަރިވަރު:

- ކެޑޭޓް ޕްރައިވެޓް އައިޝަތު ޒަރާ އަޙްމަދު ޒިރާން (ޗާލީ ޕްލެޓޫން)

އެއްވަނަ ޕްލެޓޫ:

- މައިކް ޕްލެޓޫން

މިރަސްމިއްޔާތުގައި ވަނީ ގައުމީ ކެޑޭޓް ކޭމްޕުން ވަނަވަނައަށް އައި ދަރިވަރުންނަށާއި، ކޭމްޕްގެ އެންމެ މޮޅު 10 ކެޑޭޓުންނަށް ހަނދާނީ ލިޔުމާއި އިނާމް ދެއްވައިފައެވެ. އެ އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. މިރަސްމިއްޔާތުގައި ކެޑޭޓުންނަށް ޢަޒުމް ލައިދެއްވީ ގައުމީ ކެޑޭޓް ކޯރގެ ޑައިރެކްޓަރ އެޑްމިން އެންޑް ލޮޖިސްޓިކް ކެޑޭޓް ރިފާން ޢަލީ ވަޙީދެވެ.

ޤައުމީ ކެޑޭޓް ކޯރއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން މި ކޭމްޕްގައި އިންޑިއާގެ 4 ކެޑޭޓުންނާއި ނޭޕާލުގެ 4 ކެޑޭޓުން ވަނީ ބައިވެރިވެފައެވެ.

ކެޑޭޓް ކޭމްޕް ބޭއްވުމުގެ މަޤްޞަދު:

  • އަސްކަރީ ހުނަރުތައް އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން
  • އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައަޅާ ބައެއް އަސާސީ ހުނަރުތައް ދަސްކޮށްދިނުން
  • ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުން
  • ރިވެތި އަޚްލާޤާއި ސްލޫކް އަށަގެންނެވުން
  • ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުން
  • ޤައުމީ ރޫހު އުފައްދައި ދިރުވުން
  • މައިންބަފައިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުން

މިއަހަރުގެ ކެޑޭޓް ކޭމްޕްގައި ކިޔަވައިދީފައިވާ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، އަންއާރމް ކޮމްބެޓް، ލީޑަރޝިޕް، ފަޔަރ ފައިޓިންގ، އަދި މެރިޓައިމް ސްޓަޑީޒްގެ މަޢުލޫމާތު ހިމެނެވެ. މީގެ އިތުރުން ކެޑޭޓް ކޭމްޕްގެ ދަރިވަރުން އިސްލާމްދީނަށް އަހުލުވެރި ކުރުވުމަށްޓަކައި ދީނީ ދަރުސްތައް ދީފައިވެއެވެ. އަދި ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް މިކޭމްޕްގެ ބައެއްގެ ގޮތުގައި ފަސްވަގުތު ނަމާދުކުރުމުގެ އާދަ އުނގަންނައި ދެވިފައިވެއެވެ.