ޑްރަގް އެންފޯސްމަންޓުން މަލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގިި އޮޕަރޭޝަނެއްގައެވެ. އެ ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ އެ ދެމީހުންގެ ތެރެއިން 32 އަހަރުގެ މީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ސާޅީސް ހަތަރު ބިޔަރު ދަޅު ފެނިފައިވާކަމަށެވެ.

މީގެއިތުރުން 52 އަހަރުގެ މީހާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމް.އެލްގެ ތިރީސް ހަ ފުޅި އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓުވެސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ގޮތުން، އެ ދެމީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ބަންދާމެދު ގޮތެއް ނިންމާ އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން 32 އަހަރުގެ މީހާއަށް ދިހަ ދުވަހުގެ މުއްދަތު ދީފައިވާއިރު 52 އަހަރުގެ މީހާއަށް ތިރީސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.