ގައުމުގެ ކަންކަން ރައްޔިތުން ބޭނުންވާގޮތަށް ބަދަލުކުރުމުގެ ފުރުސަތު މިއަންނަނީ ފަހިވެގެން ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނޭކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ގައުމުގެ ކަންކަން ބަދަލުކުރުމަށް ރައްޔިތުންނަށް ފުރުސަތު ލިބެނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ކަމަށެވެ. އެއީ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށިން ބަދަލުކުރަން ލިބޭ ފުރުސަތު ކަމަށް އޭނާ ވިދާޅުވިއެވެ. "އެއީ ޑިމޮކްރަސީގެ އެއްބައި. ރައްޔިތުންނަށް އެންމެ ބޮޑު ބާރެއް ލިބެނީ ވޯޓުލާދުވަހު. ކޮންމެ ފަސް އަހަރަކުން ރައްޔިތުންނަށް މިލިބޭ ބާރު އެންމެ އެދެވޭ ގޮތުގައި ހިފުމަކީ ލިބިދީފައިވާ ވަރަށްބޮޑު ހައްގެއް. އެ ހައްގު ފުރިހަމައަށް އަދާކުރަންޖެހޭ. ރައްޔިތުން ވިސްނެވުމަށްފަހު އެންމެ ރަނގަޅު ކެންޑިޑޭޓަކު ވެރިކަމަށް ގެނައުމުގެ ބާރަށްވުރެ ވަރުގަދަ ބާރެއް ޑިމޮކްރަސީގެ ތެރެއިންނެތް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއްބޭފުޅަކީ އޭނާ ކަމަށެވެ. އެހެންވީމާ ގައުމުން މަސްތުވާތަކެއްޗާއި މާރާމާރީއާއި ނާމާންކަން ނައްތައި ޒަމާނީ ތަރައްގީ ގެނެސް ދިނުމަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާއަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ރައްޔިތުން އެ ފުރުސަތު ދީފީކަމަށްވާނަމަ ރާއްޖެ ދަތުރުކުރާނީ އިސްލާމީ ޝަރީއަތާއި އިސްލާހާ ދިމާއަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އޭގެ އިތުރުން ދިވެހިރާއްޖެއަށް ބިދޭސީ ފަރާތްތަކުން އޮތް ނުފޫޒާއި ބާރުވެރިކަން ވެސް ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުގެ ތެރެއިން ހަމަ މަގަށް އަޅުވާނޭ ކަމަށް ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަން ރައްޔިތުން ތަޖުރިބާކުރާނީ ހަމައާއި އިންސާފުގެ ވެރިކަމެއްގެ ގޮތުގައި. ތަރައްގީއާއި ތަހުޒީބުގެ ވެރިކަމެއްގެ ގޮތުގައި. އަމާންކަމާއި ސުލްވެރި ވެރިކަމެއްގެ ގޮތުގައި،" އުމަރު ވިދާޅުވިއެވެ.