ބ.ކެންދޫގައި މެރިޓައިމް ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެރަށުގައި ފެށި ޕްރްގްރާމެކެެވެ.

މިއީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި 22 މީހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި ކަނޑުމަތީގައި ދިމާވާ ހާދިސާތަކާ ގުޅޭ މަޢުލޫމާތާއި އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނެ ގޮތްތަކުގެ މަޢުލޫމާތު ދެވޭނެއެވެ. މިގޮތުން، ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރާނެ ގޮތާއި، ހާލުގައި ޖެހިފައިވާ އުޅަނދުފަހަރަށް އެހީތެރިވާނެ ގޮތާއި، ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ޒަޚަމްވެފައިތިބޭ މީހުންނަށް ޞިއްޙީ އަވަސް ފަރުވާދިނުން ފަދަ މުހިންމު ބައިތައް ކިޔަވައިދޭނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މި ޕްރޮގްރާމުގައި، ރެސްކިޔު ސްވިމިންގގެ ޕްރެކްޓިކަލް ކުލާސްތައްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މެރިޓައިމް ސޭފްޓީއަށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި ހިންގާ މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.