ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ލަނީ ރީނދޫ ކުލަ ނޫންކަމަށާއި، އެއީ އޮރެންޖު ކުލަކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ބައެއް ފްލެޓްތަކުގައި ރީދޫ ކުލަ ލަމުންދާ ކަމަށް ބުނެ ސޯސަލް މީޑިއާގައި ބައެއް ފަރާތްތަކުން ދައުރުކުރަމުންދާ ފޮޓޯތަކާ ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އެޗްޑީސީން ރޭ ބުނީ ފްލެޓްތަކުގައި ލަމުންދަނީ އޮރެންޖް ކުލަ ކަމަށާއި އޮރެންޖް ކުލަ އައު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ކުލަ ފޭދުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.

ބައެއް ފްލެޓްތަކުގައި އޮރެންޖް ކުލަ ފުރަތަމަ ލާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށާއި އަލުން އޮރެންޖް ކުލަ ލުމުގެ މަސައްކަތް ކުރަމުން ދަނީ އެ މަސައްކަތް ކުރިންވެސް ކުރި ކޮންޓްރެކްޓަރު ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ މަސައްކަތަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރާ ކަމަށްވެސް ބުންޏެވެ.

ފެލެޓުތަކުގެ ކުލަ ބަދަލު ކުރަމުންގެންދާތީ އެކަމާ ނުރުހުން ފާޅުކޮށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ "ކުލަ ބަދަލު ކުރުމަކީ" ވެސް މި ސަރުކާރުގެ ބޮޑު މަޝްރޫއެއް ތޯ ސުވާލު އުފައްދާފައެވެ. އަދި މިދިޔަ ސަރުކާރުން ފަށާފައި ހުރި ޕްރޮޖެކްޓުތަކުގެ ނަން ބަދަލު ކުރުމާއި، އަދި ފްލެޓުތަކަށް ބަދަލު ގެނައުން މި ސަރުކާރުން ދެކެނީ އެއީ ބޮޑެތި މަޝްރޫއުތަކެއްގެ ގޮތުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.