ރާއްޖޭގެ ވިޔަފާރިވެރިޔާ އުމަރު ނަސީރުގެ ވޭލް ސަމްބެރީންގެ އެގާރަ ހާސްވަނަ ޑައިވް މިއަދު ކޮށްފިއެވެ. އެ ޑައިވްކޮށްފައިވަނީ 45 ފަސިންޖަރުން ގޮވައިގެން ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި ސަބްމަރީން އޮޕަރޭޓް ކުރާތާ މިހާރުވަނީ 22 އަހަރު ވެފައެވެ. އެ މުއްދަތުގައިވަނީ 350،000 ފަސިންޖަރުން ގޮވައިގެން ޑައިވްކޮށްފައެވެ. އުމަރު ވިދާޅުވީ ރާއްޖޭގެ މާކެެޓަށް ބަލާއިރު 22 އަހަރުތެރޭގައި އެގާރަހާސް ޑައިވްކޮށް ތިންލައްކަ ފަންސާސް ހާސް ފަސިންޖަރުން ގޮވައިގެން ޑައިވް ކުރުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.

އުމަރު ވިދާޅުވީ ކޮވިޑްގެ ސަބަބުން ސަބްމެރީންގެ ވިޔަފާރިއަށް ކުރި ނޭދެވޭ އަސަރު މިހާރުވަނީ މަޑުމަޑުން ރަނގަޅުވާން ފަށައިފައި ކަމަށެވެ. "އެންމެެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ކޮވިޑް. އޭރު ވަރަށްބޮޑަށް ވިޔަފާރިއަށް އަސަރުކުރި. އެހެންނަމަވެސް މިހާރު މަޑުމަޑުން ވިޔަފާރި ވަނީ ރަނގަޅުވާން ފަަށައިފައި. ދެންޖެހޭނީ އިތުރަށް މަސައްކަތްކޮށް ހިންދެމިލަން،" އުމަރު ވިދާޅުވިއެވެ.

ސަބްމެރީންގައި ކަނޑުއަޑިއަށްދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އަގެއް ވަނީ ހަމަޖެހިފައެވެ.