ކޯރުގައި ދުއްވާ އެންމެ ދިގު ކުރޫޒް ދަތުރު މިއަދު އިންޑިއާގައި ފަށައިފިއެވެ. އިންޑިއާއިން ބަންގްލަދޭޝްއަށް ދަތުރުކޮށް އަނެއްކާވެސް އިންޑިއާގެ އިރުމައްޗަށް އަލުން އެނބުރި ވަންނަ މި ކޯރު ކުރޫޒް ލައިނާ ގަންގާ ވިލާސްގެ ކޯރުގެ ދަތުރުގެ ދިގު މިނަކީ 51 ދުވަހެވެ.
މި ކުރޫޒްގެ ދަތުރު ފަށާނީ ވަރަނާސީންނެވެ. އަދި ބަންގްލަދޭޝްއަށް ވަނުމަށްފަހު އިންޑިއާގެ އިރުމައްޗަށް ވަދެ، ދަތުރު ނިންމާލާނީ އާސާމްގެ ދިބްރުގަޅްއަށެވެ.
މި ކުރޫޒް ލައިނާގެ 51 ދުވަހުގެ ދަތުރުގައި 3،200 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތު ކުރާނެއެވެ. މި ދަތުރުގައި އިންޑިއާއާއި ބަންގްލަދޭޝްގެ 27 ކޯރެއްގައި ދަތުރު ކޮށް އާސާރީ އަދި ޓޫރިސްޓް މުހިންމު 50 އަށް ވުރެ ގިނަ ތަންތަނަށް ޒިޔާރަތް ކުރާނެއެވެ.
މި ކުރޫޒް ލައިނާ ދުއްވާ ކުންފުނި އަންތާރާއިން ބުނާ ގޮތުގައި މިއީ ލަގްޒަރީ ކުރޫލް ލައިނާއެކެވެ. މި ބޯޓުގައި ދަތުރުކުރުމަށް ދުވާލެއްގެ މައްޗަށް އިންޑިއާގެ 25 ހާސް ރުޕީސް ގާތް ގަނޑަކަށް ދިވެހި ފަސް ހާސް ރުފިޔާ ހޭދަވެއެވެ.
މި ކުރޫޒްގައި ލަގްޒަރީ 18 ސުއިޓާއި ވަކި ކޮޓަރިތައް ހަދާފައި ވެއެވެ. އަދި ފަސިންޖަރުންގެ ޖުމުލަ ކެޕާސިޓީއަކީ 38 އެވެ.
މި ކުރޫޒްގެ ފުރަތަމަ ދަތުރުގައި ސުއިޒަލެންޑްގެ 36 ފަތުރުވެރިން ވަނީ ބުކް ކޮށްފައެވެ.
ވަރަނާސީން ދަތުރު ފެށުމަށްފަހު ގަންގާ ވިލާސް ކްރޫޒް ބިހާރް ސްޓޭޓްގެ ޕަޓްނާއަށް ފޯރާނީ އަށް ދުވަސް ފަހުންނެވެ. މި ބޯޓުގެ ދަތުރުގައި ކޯރުގެ އެކި ތަންތަނަށް މަޑު ކުރުމަށް ހަމަޖެހިފައި ވެއެވެ. ޕަޓްނާއަށް ފަހު ދެން ކުރޫޒް ލައިނާ ދާނީ ކޯލްކައްތާއަށެވެ.
20 ދުވަހުގެ ދަތުރަށް ފަހު ފަރައްކާ އާއި މުރުޝިދާބާދު މެދުވެރިކޮށް ކޮލްކަތާއަށް ވަނުމަށްފަހު އެއް ދުވަސް ކޯލްކަތާގައި މަޑު ކުރާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު ބަންގްލަދޭޝްއަށް ފުރާނެއެވެ. ބަންގްލަދޭޝްގެ ސަރަހައްދަށް ވަނުމަށްފަހު 15 ދުވަސްވަންދެން ކޯރުގައި އެކި މަންޒިލްތަކަށް ދަތުރުކުރުމަށްފަހު އިންޑިއާގެ އިރުމައްޗަށް ވަދެގެން އޭގެ އެންމެ ފަހު މަންޒިލް ކަމަށްވާ އާސާމްގެ ދިބްރޫގަޅަށް ފޯރާނެއެވެ.
ބަންގްލަދޭޝާއި އިންޑިއާގެ ސަރަހައްދު ހުރަސް ކުރާއިރު ސަންދަބާންސް ޑެލްޓާއާއި ކަޒިރަންގާ ނެޝަނަލް ޕާކް ތެރޭން ލައިގެން ދަތުރު ކުރާނެއެވެ.
މިހާރުވެސް ވަރަނާސީއާއި ކޯލްކައްތާއާ ދެމެދު އަށް ކުރޫޒް ދަތުރު ކުރެއެވެ. އިންޑިއާއިން ބޭނުން ވަނީ މިހާރު ކޯރު ކުރޫޒްގެ ފަތުރުވެރިކަން ފުޅާ ކުރާށެވެ. މިހާރު ކޯރު ކުރޫޒްގެ ފަތުރުވެރިންގެ އަދަދު އުޅެނީ 0.4 މިލިއަން ގައެވެ. އިންޑިއާއިން އަމާޒު ހިފާފައި ވަނީ އެއަދަދު 4 މިލިއަނަށް އިތުރު ކުރާށެވެ. އެއީ ކޯރުތަކުގެ އައްސޭރިފަށުގައި ވަޒީފާ އުފެއްދުމަށް މުހިންމު ދާއިރާއެއް ކަމަށް ބަލައިގެން ހިތްވަރު ދިނުމަށް ބައެއް ފިޔަވަޅުތައް އަޅާފައި ވެއެވެ. އޭގެ ތެރޭގައި ޕޯޓް ޗާޖު ކުޑަ ކުރުމާއި ކުރިން ނުދައްކައި ހުރި ޗާޖުތައް މައާފް ކޮށްދިނުމާއި ޕޯޓްތަކުގައި ފެސިލިޓީތައް އިތުރު ކުރުން ހިމެނެއެވެ.