އިންޑިއާގައި ބެޓެރިން ދުއްވާ އުޅަނދުތައް އުފެއްދުން އާދައިގެ ކަމަކަށް ވާން ފަށައިފިއެވެ. އިންޑިއާގެ އޮޓޯ އެކްސްޕޯގައި ދައްކާފައިވާ ބައެއް އުޅަނދުތަކުގެ ތެރޭގައި ބެޓެރިން ދުއްވާ ރޭސް ސައިކަލާއި، ތިން ފޮރޮޅުލީ ކުރޮޅިއާއި ޕިކަޕް ލޮރި ހިމެނެއެވެ.
ނޮއިޑާގައި ހުންނަ ޖުޕިޓާ މޮބިލިޓީ ކުންފުނިން ވަނީ ބޮޑެތި ސިޓީތަކަށް ޓާގެޓް ކޮށްގެން އުފައްދާފައިވާ ދެ ވައްރަތެއްގެ ލޮރީއެއް ދައްކާފައެވެ. މި ލޮރިތައް އުފައްދާފައި ވަނީ އެމެރިކާގެ ގްރީން ޕަވަރ މޮޓޯޒް ކުންފުންޏާ ގުޅިގެންނެވެ.
އިންޑިއާގައި އުފައްދާފައިވާ 2.2 ޓަނުގެ މުދާ އުފުލުމުޖގެ ގާބިލް ލޮރިކަމަށްވާ ޖޭއީއެމް ޓީއީޒެޑް އަކީ 20 މިނެޓްގެ ތެރޭގައި ޗާޖު ކުރެވޭ އަދި އެއްފަރު ޗާޖު ކޮށްލުމުން 100 ކިލޯމީޓަރަށް ދުއްވޭ ޕިކަޕެކެވެ. އެކުންފުނީގެ އަނެއް އުފެއްދުން ކަމަށްވާ އީވީ ސްޓާ ސީސީއަކީ ހަތް ޓަނު އުފުލޭ ވަރުގެ ޕިކަޕެކެވެ.
ޕޫނާގެ ވޭޔޭ މޮބިލިޓީ ކުންފުނިން ވަނީ ސޯލާއިން ޗާޖުކޮށްގެން ދުއްވާ ކާރެއްވެސް ދައްކާލާފައެވެ. އީވާގެ މަތީގައި ހުންނަ ނުފެންނަ ސޯލާ ސެލްތަކުން ޗާޖުކޮށްގެން 250 ކިލޯމީޓަރަށް ދުއްވޭނެއެވެ. އީވާގެ ބެޓެރި ކެޕާސިޓީއަކީ 14 ކޭވީއެޗްއެވެ. ސޯލާގެ އިތުރުން މަގުމަތީގައި ހުންނަ ބެޓެރި ޗާޖުކުރާ ތަންތަނުންވެސް އީވާ ޗާޖު ކުރެވޭނެއެވެ.
ނިއުދިއްލީގައި ހުންނަ އޯއެސްއެމް މޮބިލިޓީން އުފައްދާ ފައިވާ މިއުސްއާއި ކްރޭޒްއަކީ ތިން ފޮރޮޅުލީ ކުރޮޅިތަކެކެވެ. ނަމަވެސް މިއީ، އާންމުކޮށް ބާޒާރުގައި މިހާރު ހުރި ވަރަށް ވުރެން ފެންވަރު ރަގަޅު ކޮށްފައިވާ ކުރޮޅިތަކެކެވެ.
މިއިން ކޮންމެ ވައްތަރެއްވެސް އުޅެނީ އިންޑިއާގައި ދިވެހި ރުފިޔާގެ ނިސްބަތުން 74 ހާސް ރުފިޔާގެ އަގުގެ ތެރޭގައެވެ. މިއީވެސް އެއްފަހަރު ޗާޖުކޮށްލުމުން 80އާއި 100 ކިލޯމީޓަރަށް ދުއްވޭ ވަރުގެ އުޅަނދުތަކެކެވެ. އެސޮރުމެންގެ އާންމު ދުވެލީގެ ސްޕީޑް އުޅޭނީ ގަޑިއަކު 50 ކިލޯމީޓަރުގައެވެ.
ބޮޑެތި ލޮރީގެ ސެގްމެންޓްގައި މިއަހަރު އިންގިލާބީ ބަދަލެއް ގެނެސްދޭނީ އިންޑިއާގެ އަޝޯކް ލޭލޭންޑުންނެވެ. އެކުންފުނީގެ ސީއީއޯ ބަދަލުވުމާ ގުޅިގެން މާކެޓް ސެގްމެންޓް މިހާރު އޮތް 17 ޕަސެންޓަށް ވުރެން ފުޅާކޮށް ޓާޓާ މޮޓޯޒްއާ ވާދަ ކުރުމަށް ނިންމާފައި ވެއެވެ.
އަޝޮކް ލޭލޭންޑުން އުފައްދާފައި ވަނީ 7.5 ޓަނު އުފުލާ ވަރުގެ ބޮސް އިލެކްޓްރިކް ޕިކަޕެކެވެ. އޭގެ ދެ ވައްތަރެއް އުފައްދާފައި ވެއެވެ.
މި ޕިކަޕަކީ، ދަނޑުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ވައްތަރެކެވެ. އަދި ހެވީޑިއުޓީ ސެގްމެންޓްގެ މި ޕިކަޕްގެ އަގު އުޅެނީ ދިވެހި 3.5 ލައްކަ ރުފިޔާއާ ކައިރިކުރާ ވަރެއްގައެވެ.
ރޭސް ސއިކަލުގެ ސެގްމެންޓްގައި އެންމެ ފާހަގަ ކުރެވޭ އުފެއްދުމަކީ ޒުވާން ދެ ސޮރަކު ވެގެން އުފައްފައިގެން އުޅޭ ކުންފުންޏެއް ކަމަށްވާ އަލްޓްރާވައިލެޓްގެ އެފް99 އެވެ. މިއީ އެކުންފުނިން އުފައްދާ ބެޓެރި ރޭސް ސައިކަލުގެ ދެވަނަ ވައްތަރެވެ.
އެފް99 އަކީ އެއަށް ސަވާރުވެ އިންނަ މީހާގެ ފިނދުކިބައިގެ މައްޓަމަށް އޭގެމަޑި އުފައްދާފައިވާ ރޭސް ޖެހުމުގައި ހެންޑެލި ހިފެހެއްޓުމުގައި މައިބަދައަށް ބާރު ނުކުރާ ގޮތަށް އުފައްދާފައިވާ ސައިކަލެކެވެ.
ގަޑިއަކު 200 ކިލޯމީޓަށް ސްޕީޑް ނަގައިދޭ އެސޮރުގެ ބާރު ދަމައި ގަންނަނީ 68 ހޯސްޕަވަރުގެ އިންޖީނަމުންނެވެ. އަދި މި ސައިކަލަކީ، އިސްޓާޓް ކޮށްލާތާ އެންމެ އަށް ސިކުންތުގެ ތެރޭގައި ގަދިއަކު ސަތޭކަ މީތަރަށް އޭގެ ސްޕީޑް ހިއްލާލަ ދޭ އެއްޗެކެވެ.