ޗައިނާގެ ތަނަވަސް މީހުން ދަތުރު ހަދައިގެން ހޮންގކޮންގއާއި މެކާއޯއަށް ކޯވިޑް ޖައްސަން ދާން ފަށައިފިއެވެ. އަމިއްލަ ޓްރެވެލް އެޖެންސީތަކުން ވަނީ އެކަމަށް ޕެކޭޖުތައް ހަދައި އިޝްތިހާރުކޮށްފައެވެ.

މިދިޔަ މަހު ޗައިނާގެ ޒީރޯ ކޯވިޑް ސިޔާސަތު އުވާލުމަށްފަހު ޗައިނާ ސަރުކާރުން ވަނީ ކަރަންޓީނު ކުރުމާއި އެހެނިހެން ބޯޑަރު ހުރަސްތައް ވެސް އުވާލައިފަ އެވެ. އެކަމުގެ ސަބަބުން ޗައިނާއިން ބޭރަށް ދަތުރުކުރުމަށް ޝައުގުވެރިކަން އުފެދުނު ގިނަ ބަޔަކު ވަނީ ފޮށި ތަންމަތި ބަނދެގެން އެކި މަންޒިލްތަކަށް ޗުއްޓީއަށް ބޭރުވާން ފަށާފައެވެ.

ފަތިރިވެރިކަމަށް ނިކުންނަ މީހުން ނިކުތަސް އެއިން ބައެއް މީހުންނަކީ ކޯވިޑްގެ އެމްއާރްއެންއޭ ވެކްސިން ހޯދަން ދުވާ މީހުންނެވެ.

ޗައިނާގައި ކޮވިޑް ފެތުރެމުން ދިޔަނަމަވެސް ބެއިޖިންގއިން ވަނީ ބޭރުގައި އުފައްދާ ވެކްސިންތަކަށް ރުހުން ދިނުމަށް ދެކޮޅު ހަދައިފައެވެ. ޗައިނާގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވަނީ ހަމައެކަނި ގައުމުގައި އުފައްދާ ވެކްސިންތަކަށެވެ.

ސިއްހީ މާހިރުންނާއި މެޑިކަލް ދިރާސާތަކުން ވަނީ އިންއެކްޓިވޭޓް ވައިރަހެއް ބޭނުންކުރާ ޗައިނާގެ ވެކްސިންތަކުގެ ފައިދާ އެހެން ތަންތަނުން ލިބެން ހުންނަ އެމްއާރްއެންއޭ ވެކްސިންތަކާ އަޅާބަލާއިރު ކުޑަކަމަށް ބުނެފައެވެ.

ޗައިނާއިން ބޭރުގައި ވެކްސިން ހޯދުމަށް ކުރާ ދަތުރު ހޭދަބޮޑުވެފައި އުނދަގޫ ނަމަވެސް ހޮންކޮންގާއި މަކާއޯގައި ޓްރެވަލް ޕެކޭޖްތަކަށް ބޮޑު ޝައުގުވެރިކަމެއް ވަނީ އުފެދިފަ އެވެ. ތައިލެންޑާއި ސިންގަޕޫރުގެ ކްލިނިކްތަކުން ވެސް ވެކްސިން ހޯދުމަށް ޗައިނާގެ ދަތުރުވެރިންގެ ޝައުގުވެރިކަން އިތުރުވެފަ އެވެ.

ބަޔޯއެންޓެކް/ފައިޒަރ އެމްއާރްއެންއޭ ވެކްސިނަކީ ހޮންކޮންގް އަދި މަކާއޯގެ ރައްޔިތުންނަށް ހިލޭ ލިބޭ ވެކްސިނެކެވެ. ފަހަކަށް އައިސް ޑިމާންޑް އިތުރުވެފައިވާ ކަމަށް ބުނެ ބުރާސްފަތި ދުވަހު ހޮންކޮންގް ސަރުކާރުން ވަނީ މި ހަފްތާއިން ފެށިގެން ހޮންގކޮންގގައި ދިރިއުޅޭ މީހުން ނޫން އެހެން ބަޔަކަށް ވެކްސިން ހިލޭ ނުދޭނެކަން އިއުލާންކޮށްފަ އެވެ.

ހޮންކޮންގުގައި ދިރިއުޅޭ މީހުން ނޫން މީހުންނަށް ފައިސާދީގެން ވެކްސިން ޖައްސަނީނަމަ ގާތްގަނޑަކަށް 1،300 ހޮންކޮންގް ޑޮލަރާއި 2،000 ޑޮލަރާއި ދެމެދު ހޭދަކުރަން ޖެހޭނެއެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މެއިންލޭންޑްގެ ރައްޔިތުންނަށް ޓްރެވަލް ސާވިސްއެއް ކަމަށްވާ ސީ3ހޮންކޮންގް ލައިފް އިން ވަނީ ޖެނުއަރީ 8 އިން ފެށިގެން ހޮންކޮންގަށް ދަތުރުކޮށް 1،680 ހޮންކޮންގް ޑޮލަރަށް ވެކްސިން ޖެއްސުމަށް ބުކިންއަށް އިޝްތިހާރުކޮށްފަ އެވެ.

އިޝްތިހާރުގައި ބުނެފައި ވަނީ "ތަޖުރިބާކާރުންގެ އިރުޝާދާއެކު، ވެކްސިން އެޕޮއިންޓްމަންޓް ހޯދައިދީ، ދެކޮޅު ދަތުރުގެ ހުރުން އިންތިޒާމކޮށދީ، ހޮޓަލަށް ގެންގޮސް ގެނަސްދިނުމުގެ ޚިދުމަތް ލިބޭނެ" ގޮތަށް ފުލް ވެކްސިން ޓްރެވަލް ޕެކޭޖެއް ހުށަހަޅާ ކަމަށެވެ.

މެކާއޯ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ 1،360 ހޮންކޮންގް ޑޮލަރަށް ވެކްސިން ޖެއްސުމަށް ބުކްކުރަން ބޭނުންވާ ފަރާތްތަކަށް ބުކްކުރުމަށް ވެބްސައިޓެއްވެސް ގާއިމްކޮށްފައެވެ. އެ ވެބްސައިޓްގައި ބުނާ ގޮތުން ދުވާލަކު ގާތްގަނޑަކަށް 100 އެޕޮއިންޓްމެންޓް ދިނުމަށް ހަމަޖެހިފައި ވެއެވެ. ނަމަވެސް އެޕޮއިންޓްމެންޓްތައް ދޭން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ މެދުތެރެއާ ހަމައަށެވެ.